ޓޫރިސްޓް އެރައިވަލް

އެއްމިލިއަން ވަނަ ފަތުރުވެރިޔާ މާދަމާ ރާއްޖެ އަންނަނީ

Aug 11, 2022

މިއަހަރު ރާއްޖެއަށް ޒިޔާރަތް ކުރާ އެއްމިލިއަން ވަނަ ފަތުރުވެރިޔާ މާދަމާ ރާއްޖެއަށް ޒިޔާރަތްކުރާތީ މަރުހަބާ ކިޔުމަށް ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ތައްޔާރުވެއްޖެ އެވެ.

މިއީ ކޮވިޑް 19ގެ ދަތި އުދަނގޫ ދުވަސްތަކަށްފަހު ފަތުރުވެރިކަމުގެ ސިނާއަތް ހިނގައިގަންނަން ފެށި ފަހުންނާއި އަދި ކޮވިޑްގެ ކުރިއާ އަޅާބަލާއިރުވެސް އަހަރުގެ މިހާ ކުރީކޮޅު ރާއްޖެއަށް އެއްމިލިއަން ފަތުރުވެރިޔާ އަންނަ ފުރަތަމަ ފަހަރެވެ.

އެއްމިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް މާދަމާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުން ވަނީ ނިންމާފަ އެވެ. ނަމަވެސް އެކަމުގެ ތަފްސީލް އަދި ހިއްސާކޮށްފައެއް ނުވެ އެވެ.

ސަރުކާރުން މިއަހަރަށް ކަނޑައަޅާފައިވާ އަމާޒަކީ 1.6 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމެވެ. އެ އަމާޒަށް ވާސިލްވާނެ ކަމަށް ސަރުކާރުގެ އިސްވެރިން ވަރަށް ބޮޑަށް ލަފާކުރައްވަ އެވެ.

އަމާޒަށް ވާސިލްވުމަށްޓަކައި އެމްއެމްޕީއާރްސީން ގެންދަނީ ދުނިޔޭގެ އެކި ގައުމުތަކުގައި އަދި މީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް ރާއްޖެ އިޝްތިހާރު ކުރުމަށް ވަރުގަދަ ކެމްޕޭންތައް ވެސް ހިންގަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ ޖުލައި މަހުގެ 31ގެ ނިޔަލަށް އެމަހުގެ ތެރޭގައި އެކަނިވެސް ރާއްޖެއަށް 136،828 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ އިންޑިއާ އިންނެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އިނގިރޭސިވިލާތުން އައިސްފައިވާއިރު ތިންވަނަ ހިއްސާކުރަނި ރަޝިއާ އެވެ.