އޮބިޗުއަރީ

ލަވަކިޔުންތެރިޔާ ހުޒާމު ނިޔާވެއްޖެ

Aug 12, 2022

ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު ހުޒާމް ނިޔާވެއްޖެ އެވެ.

ގިނަ ދުވަސްތަކަކު ބަލިވެ އުޅުމަށްފަހު މިރޭގެ ވަގުތެއްގައި ހުޒާމު ނިޔާވީ އިންޑިއާގަ އެވެ.

ހުޒާމުގެ ލަވަތައް 1990ގެ އަހަރުތަކުގެ ފަހުކޮޅާއި 2000 ވަނަ އަހަރުގެ ތެރޭގައި ވަރަށް ބޮޑަށް މަޝްހޫރު ވެގެން ދިޔަ ނަމަވެސް އޭނާ ލަވައާއި މިއުޒިކާ ދުރުގައި އުޅޭތާ އެތައް އަހަރެއް ވެއްޖެ އެވެ.

ސުކޫލު ކުދިންގެ ލަވަ މުބާރާތް ޖެހިގެން ޖެހިގެން ތިން އަހަރު ކާމިޔާބުކޮށްފައިވާ ހުޒާމުގެ ކުއްލި ވަކިވުމާ ގުޅިގެން އެތައް ބަޔަކު ގެންދަނީ ހުޒާމުގެ އާއިލާއަށް ތައުޒިޔާ ކަމުންނެވެ.

ހުޒާމުގެ އެންމެ ފާހަގަކޮށްލެވޭ ލަވަތަކުގެ ތެރޭގައި "ދޮންކަނބުލޮ ނިދާލާށޭ" އާއި "ޔާރާ އަހާށޭ އާޝިގު"ގެ އިތުރުން "ތަދާ ވޭނުގާ" ފަދަ ލަވަތައް ހިމެނެ އެވެ.

ހުޒާމުގެ އެންމެ ގާތް ރަހްމަތްތެރިންގެ ތެރޭގައި ހިމެނޭ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހީމް ސިފަކުރެއްވި ގޮތުގައި ހުޒާމަކީ ލަވަކިޔުމުގެ ފަންނުގައި ޗެމްޕިއަނެކެވެ. ރާއްޖޭން މަދުން ނޫނީ ނުފެންނަ ވަރުގެ ކުޅަދާނަ ފަންނާނެކެވެ.

"އުނގެނި ދަސްކޮށްގެން ޕްރޮފެޝަނަލް ކޯސްތައް ފުރިހަމަކޮށްގެން ހުށަހެޅުންތައް ހުށަހަޅާދެމުން ދިޔަ ދެވަނައެއް ނުވާފަދަ ލާމަސީލް އުފެއްދުންތެރިއެއް. އަޑު މަޚުރަޖާއި މިޔުޒިކުގެ ހަމައާއި އޭގެ އިޙްސާސްތަކާއެކު އޭނާ ވިރުވާއެޅި, ޒަމާންތަކަށް ދެމިހުންނާނެ އެތައް ހިތްގައިމު ހުށަހެޅުންތަކެއް ވަނީ ނުކުމެފައި. އަދި ނުނުކުމެވެސް އެބަހުރި. އެއީ ތަޢުލީމީ ގާބިލް, ކުރާކަމެއް މޮޅަށް ކުރާ އިންޖިނޭރެއް. އިންސްޓްރަކްޓަރެއް. ލެކްޗަރަރއެއް. ލަވަކިޔުންތެރިއެއް. މިޔުޒިޝަނެއް. ކުދިން ދެކެ ލޯބިވާ ބައްޕައެއް އަދި ވަފާތެރި ފިރިއެއް." އަމީން ވިދާޅުވެފައިވެ އެވެ.