ރަޝިއާ އާއި އީރާންއާ ދެމެދު އޮންނަނީ އަޑި ނޭނގޭ ގާތް ގުޅުމެއް ކަމަށް އެމެރިކާ ބުނެފި އެވެ.
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓްސް އިން ބުނާ ގޮތުން ދެ ގައުމުގެ ގުޅުން އަސްކަރީ ސިއްރުތައް ބަދަލުކުރުމާ ހަމައަށް ބަދަހިކޮށްފައިވާ ކަމަށެވެ.
އީރާންގައި އުފައްދާ އަސްކަރީ ދަރަޖައިގެ ޑްރޯންތަކަށް ގައުމުތަކުން އޯޑަރު ލިބޭ ކަމަށް އީރާނުން ކުރިން އޮތީ ބުނެފަ އެވެ. އަނެއްކޮޅުން މިހާރު ފެންނަނީ އީރާން ޑްރޯންތައް ބޭނުންކުރާނެ ގޮތް ރަޝިއާ ސިފައިން ދަސްކުރާ މަންޒަރެވެ.
އީރާން ޑްރޯންތައް ރަޝިއާއިން ބޭނުންކުރުމަކީ އެމެރިކާއަށް އޮތް ވަރަށް ބޮޑު ބޮލުގެ ރިހުމެކެވެ. އެހެން ނަމަވެސް، ސްޓޭޓްސް ޑިޕާޓްމަންޓުން ބުނާ ގޮތުން ޔުކްރޭން ހަނގުރާމާގައި އީރާން ޑްރޯން ބޭނުންކުރުމަކީ އެކަށީގެންވާ ކަމެމެވެ.
އެމެރިކާ ބުނާ ގޮތުން ޔުކްރޭން ހަނގުރާމަ ފެށުނު ފަހުން އީރާނާއި ރަޝިއާ އުޅެނީ ވަރަށް ގާތްކޮށެވެ. އަދި އީރާންގައި އުފައްދާ ބާރުގަދަ ޑްރޯން ރަޝިއާއަށް ސަޕްލައިކުރުމަށްޓަކައި އެތައް ސަތޭކަ ޑްރޯނެއް މުޅިން އަލަށް އުފަންދަމުން ގެންދާ ކަމަށްވެސް އެމެރިކާ ބުނެ އެވެ.
ޔުކްރޭން ހަނގުރާމައިގެ ސަބަބުން އެމެރިކާ އާއި ބައިވެރިން ވަނީ ރަޝިއާއަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފަ އެވެ. އީރާނުން ނިއުކްލިއާ ހަތިޔާރު އުފައްދަން އުޅޭ ކަމަށް ބުނެ އީރާނާ ދެކޮޅަށް ވެސް ވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފަ އެވެ.
އެހެން ނަމަވެސް، މަސްރަހު ދިރާސާކުރާ މީހުން ގަބޫލުކުރާ ގޮތުގައި ދަތިކުރުމަކީ އަސްކަރީ ގާބިލުކަން ނައްތާލެވޭ ބާރެއް ނޫނެވެ. އޭގެ ބަދަލުގައި ފެންނަނީ އީރާނުން އަސްކަރީ ގާބިލުކަން ވަރުގަދަ ކުރާ މަންޒަރެވެ.