މަޖީދީ މަގުގައި ހުންނަ "ކޮލާޖަން ކުއީން" ފިހާރަ ފަޅާލައި ފައިސާތަކެއް ވަގަށް ނަގައިފި އެވެ.
ކޮސްމެޓިކްސް ސާމާނާ ވިއްކާ މި ފިހާރަ ފަޅާލައި ވައްކަން ކުރި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން ޔަގީންކޮށްދީފައިވެ އެވެ.
މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުނި ނަމަވެސް މައްސަލައިގެ ތުހުމަތުގައި އަދި މީހަކު ހައްޔަރުކުރި ކަމަކަށް ފުލުހުން ނުބުނެ އެވެ.
ކޮލާޖަން ފިހާރަ ފަޅާލާފައިވަނީ މިރޭ މަޣުރިބް ނަމާދަށް ފިހާރަ ބަންދުކޮށްފައި ވަނިކޮށް ފިހާރައިގެ ތަޅު ހަލާކުކޮށްލައިގެންނެވެ.
ފިހާރަ ފަޅާލާ ވަގަށް ގެންދިޔައީ ހަމައެކަނި 50،000 ރުފިޔާ ކަމަށް ފިހާރައިގެ ވެރިފަރާތުން މީޑިއާގައި ބުނެފައިވެ އެވެ.
ވައްކަން ކުރި މީހުން ތިބީ މޫނު ނިވާ ނުކޮށް ކަމަށްވާތީ އެމީހުންގެ މޫނު، ސީސީޓީވީ ކެމަރާ އަށް ސާފުކޮށް ރެކޯޑްކުރެވިފައިވާ ކަމަށްވެސް ފިހާރައިގެ ވެރިފަރާތުން ބުނެފައިވެ އެވެ.