މީހުން މެރުން

ޝިއާއުގެ ޖަނާޒާ މިރޭ ފުވައްމުލަކުގައި

ރަހުމްކުޑަ ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދުގެ ޖަނާޒާ މިރޭ އިޝާ ނަމާދަށް ފަހު ފުވައްމުލަކުގައި ބާއްވަން ހަމަޖައްސައިފި އެވެ.

ޝިއާއު މަރާލައިފައި އޮއްވާ ފެނުނީ މިމަހުގެ ހަވަނަ ދުވަހުގެ ރޭ ހ. ޝީރީންވިލާ އިންނެވެ. ފެނުނު އިރު ޝިއާއުގެ ހަތަރެސްފަޔާއި އަދި ބޯ ބުރިކޮށްލާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެކަމަކު ފުލުހުން އެ ތަފްސީލްތަކެއް ހާމަކޮށްފައެއް ނުވެ އެވެ.

ޝިއާއު މަރުވި ސަބަބު ހޯދަން ހަށިގަނޑުގެ ޕޯސްޓްމޯޓަމްއެއް ހަދަން އިންޑިއާ އަށް ފުލުހުން ފޮނުވި އެވެ. އެކަމަކު ހަށިގަނޑު މާލެ ގެނެސްފައިވާކަން ފުލުހުން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

ޝިއާއުގެ ޖަނާޒާ މިރޭ އޮތީ އިޝާ ނަމާދުގެ ފަހުން މަސްޖިދު އިނާރާގަ އެވެ.

މަރުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ފ. ނިލަންދޫ، ފިނިފެންމާގެ، އަލީ ޝާހިލް އެވެ.

އޭނާ ހައްޔަރުކުރި އިރު ހުރީ މަސްތުގެ ހާލަތުގައި ކަމަަށް ފުލުހުން ބުނެ އެވެ. ފުލުހުން އެންމެ ފަހުން ދިން މައުލޫމާތުގައި، ޝާހިލް ކުށަށް އިއުތިރާފް ނުވާ ކަމަށް ބުނެފައިވެ އެވެ.