އައްޑޫ ސިޓީ

އައްޑޫ މަގު ހެދުން ކުރިއަށްދަނީ ޕްލޭނާ އެއްގޮތަށް: ޕްލޭނިން މިނިސްޓްރީ

Aug 14, 2022

އައްޑޫ ސިޓީގެ ރަށްތަކުގެ މަގުތައް ހެދުމުގެ މަސައްކަތް ކުރިއަށްދަނީ ޕްލޭނާ އެއްގޮތަށް ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.

ޕްލޭނިން މިނިސްޓްރީން މިހެން ބުނެފައި މިވަނީ އައްޑޫގެ މަގުތައް ހެދުމުގެ މަސައްކަތް ކުރިއަށްދާ ގޮތާ މެދު ކަންބޮޑުވުން ފާޅުކުރައްވާ އައްޑޫ މޭޔަރު އަލީ ނިޒާރު ކުރެއްވި ޓްވީޓްތަކަކާ ގުޅިގެންނެވެ.

މޭޔަރު ނިޒާރު ވިދާޅުވީ އައްޑޫ މަގު ހެދުމުގެ މަސައްކަތަކީ ސަރުކާރުން ރައްޔިތުންނަށްޓަކައި ކޮށްދޭ ވަރަށް ބޮޑު ހޭދައެއް ކަމަށެވެ. މަގު ހެދުމުގެ މަސައްކަތް ކުރާ ކޮންޓްރެކްޓަރާއި ކޮންސަލްޓެންޓަކީ އެއް ގައުމަކަށް ނިސްބަތްވާ ގުޅުން އޮތް ބައެއް ކަމަށާއި މަސައްކަތުގެ ފެންވަރާއި މަސައްކަތް ކުރަމުންދާ ގޮތުން ލިބޭ ޝަކުވާ ގިނަ ކަމަށެވެ.

ނިޒާރު ވިދާޅުވީ އައްޑޫ މަގުތައް ހަދާ ނިމޭއިރު ރަނގަޅު ފެންވަރަކަށް އަދި ގިނަ ދުވަހަށް ދެމިގެންދާ ގޮތަށް މަގުތައް ނިންމުމަކީ އައްޑޫ ރައްޔިތުންނާއި އަދި ސަރުކާރުން ވެސް އެދޭ ގޮތް ކަމަށެވެ. ނަމަވެސް މަސައްކަތް މިހާރު ކުރިއަށްދާ ގޮތަށް އެކަންކުރާނަމަ ރައްޔިތުންގެ އުއްމީދުގައި ކުލަ ޖެހިގެން ނުދާނެ ކަމަށެވެ. ނިޒާރު ވަނީ ޕްލޭނިން މިނިސްޓްރީއަށް ވެސް ފާޑު ވިދާޅުވެފަ އެވެ.

"ކައުންސިލުން ތަކުރާރުކޮށް މި ޝަކުވާތައް ވެރިފަރާތް ކަމަށްވާ ޕްލޭނިން މިނިސްޓްރީއާ ހިއްސާ އެބަކުރަން. އެހެންނަމަވެސް ހައްލެއް ނުލިބި މި މަސައްކަތް ނިމޭއިރު މި މަގުތައް އައްޑޫ ރައްޔިތުންނަށް މުސީބާތަކަށް ވެދާނެ ކަމުގެ ބިރު އެބައޮތް. މިމަސައްކަތް ޕްލޭނިން މިނިސްޓްރީން ވަރަކަށް ނުބަލާ،" އައްޑޫ މޭޔަރު ނިޒާރު ވިދާޅުވި އެވެ.

ނިޒާރުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ޕްލޭނިން މިނިސްޓްރީގެ އޮފިޝަލަކު މިއަދު އަވަސް އަށް ވިދާޅުވީ އައްޑޫގެ މަގުތައް ހެދުމުގެ މަސައްކަތް ކުރިއަށްދަނީ ޕްލޭނާ އެއްގޮތަށް ކަމަށާއި މަސައްކަތް ކުރިއަށްދާ ގޮތް މިނިސްޓްރީން ކައިރިން ބަލަމުންދާ ކަމަށެވެ.

"އައްޑޫގެ މަގުތައް ހެދުމުގެ މަޝްރޫއުގައި މިވަގުތު ކަންބޮޑުވާންޖެހޭ މައްސަލަތަކެއް ހުރި ކަމަކަށް ނުފެނޭ،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ކާރިސާއެއް ކަހަލަ ބޮޑު ހާދިސާއެއް ދިމާނުވެއްޖެނަމަ އައްޑޫގެ މަގުތައް ހެދުން ކަނޑައެޅިފައިވާ ތާރީހަށް ގާތްގަނޑަކަށް ނިންމާލެވޭނެ ކަމަށެވެ.

އައްޑޫ މަގުތައް ހެދުމުގެ މަސައްކަތް މިސަރުކާރުގައި އަލުން ފެށީ މިދިޔަ މާޗް މަހުގެ ތެރޭގަ އެވެ. އައްޑޫގައި 107 ކިލޯމީޓަރުގެ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާއިރު މިމަޝްރޫއަށް ފަންޑު ކުރަނީ އިންޑިއާ ސަރުކާރުން އެގައުމުގެ އެގްޒިމް ބޭންކް މެދުވެރިކޮށް ހަމަޖައްސައިދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ސްކީމުގެ ދަށުންނެވެ.