ހަބަރު

ޑޮކްޓަރު ސަސްޕެންޑްކޮށް، ފަރިޔާލުގެ މަރުގެ ތަހުގީގު ފަށައިފި

  • ޑޮކްޓަރު ތަހުގީގަށް މާލެ ގެންނާނެ
  • އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ ލަފާ ހޯދާނެ
  • ފަރިޔާލު މަރުވީ ލޭ މަނާނުވެގެން

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ސިޒޭރިއަން ހެދުމަށް ފަހު، ލޭ މަނާނުވެގެން ހާލު ވަރަށް ބޮޑަށް ގޯސްވެ، ރޭގެ ވަގުތެއްގައި މަރުވި އައިޝަރު ފަރިޔާލުގެ މައްސަލަ ހެލްތް މިނިސްޓްރީން ތަހުގީގުކުރަން ފަށައިފި އެވެ. އަދި އޭނާގެ ސިޒޭރިއަން ހެދި ޑޮކްޓަރު މިހާރު ވަނީ ވަގުތީ ގޮތުން ސަސްޕެންޑް ވެސް ކޮށްފަ އެވެ.

ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ވަހީދު "އަވަސް"އަށް ވިދާޅުވީ، އެފަދަ މައްސަލަތައް ތަހުގީގުކުރުމަށް ހެލްތް މިނިސްޓްރީގައި އުފައްދާފައިވާ ސެކްޝަނުން ފަރިޔާލުގެ މައްސަލައިގެ ތަހުގީގުކުރަން ފަށާފައިވާ ކަމަށެވެ. ތަހުގީގުކުރަމުންދާތީ، މި މައްސަލައިގެ ތަހުގީގުގައި ސުވާލުކުރާ ފަރާތްތައް ޑރ. ވަހީދު ވިދާޅެއް ނުވި އެވެ. އޭނާ އަދި ވިދާޅުވީ މިސްރަށް ނިސްބަތްވާ އެ ޑޮކްޓަރު ސަސްޕެންޑް ކުރުމަށް ފަހު، މާލެ ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

"މިހާރު ޑިއުޓީއަށް ނިކުމެ ވަޑައެއް ނުގަންނަވާނެ. ތަހުގީގަށް މިހާރު މާލެ ގެނައުމުގެ މަސައްކަތް މި ކުރަނީ،" އަބްދުﷲ ވަހީދު ވިދާޅުވި އެވެ.

ޑރ. ވަހީދު ވިދާޅުވީ، ފަރިޔާލުގެ މައްސަލާގެ ތަހުގީގުގައި އައިޖީއެމްއެޗް ސެޕަޝަލިސްޓުންނާއި ކަމާބެހޭ ޑޮކްޓަރުންގެ ލަފާ ހޯދާނެ ކަމަށެވެ. ފަރިޔާލު މަރުވެފައިވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ސިޒޭރިއަން ހަދައި، ލޭ މަނާ ނުވެގެން މާލެ ގެނައި ފަހުންނެވެ. ތަހުގީގުގައި ބަލާނީ ޑޮކްޓަރުންގެ އިހުމާލެއް އޮތްތޯ އެވެ.

އައިޖީއެމްއެޗްގެ މީޑިއާ ކޯޑިނޭޓަރު މިއަދު ވިދާޅުވެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ސިޒޭރިއަން ހެދި ފަހުން ލޭ މަނާނުވި، 33 އަހަރުގެ އައިޝަތު ފަރިޔާލް މަރުވެފައި ވަނީ ފަރުވާދެނިކޮށް ރޭ ދަންވަރު 1:30 އެހާކަން ހާއިރު ކަމަށެވެ.

އިއްޔެ މެންދުރު ފަހުން ޓީއެމްއޭގެ ސީޕްލޭނެއްގައި މާލެ ގެނައި އަންހެން މީހާ އައިޖީއެމްއެޗަށް ގެނެސް ފަރުވާ ދޭން ފެށީ އައިސީޔޫގަ އެވެ. އައިޖީއެމްއެޗުން ރޭ ބުނީ އަންހެން މީހާގެ ހާލު ވަރަށް ކްރިޓިކަލް ކަމަށާއި ނޭވާ ލަނީ ވެންޓިލޭޓަރުގެ އެހީގައި ކަމަށެވެ.

އަންހެން މީހާ ސިޒޭރިއަން ހެދުމަށް ފަހު ލޭ މަނާނުވުމުން، އޭނާގެ ގަޔަށް ގިނަ އަދަދަކަށް ލޭ ވެސް އެޅި އެވެ. އަދި ލޭ މަނާކުރަން ރަހިމު ވެސް ނެގި އެވެ. ސިޒޭރިއަން އަށް ފަހު ނެގި ތުއްތު ކުއްޖާގެ ހާލު ރަނގަޅު ކަމަށްވެ އެވެ.

މިކަމާ ގުޅިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ. ފަރިޔާލު މަރުވި އޭނާގެ ތިން ދަރިން ދުނިޔޭގައި އެބަ ތިއްބެވެ. ފަރިޔާލަކީ ކުޅުދުއްފުށީ ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރައިމަރީ ޓީޗަރެކެވެ.