ރައީސް މުހައްމަދު ނަޝީދު

ކުދި ޕާޓީތަކުން ނިޒާމު ހަރާބުކޮށްފި: ނަޝީދު

Aug 15, 2022
7

ރައްޔިތުންގެ ތާއީދު ނެތް ބަޔަކާ އެކު ވެރިކަން ކުރަން ކޯލިޝަން ހެދުމުން ވެރިކަމުގެ ނިޒާމާއި ސިޔާސީ ނިޒާމުގެ އޮނިގަނޑު މުޅިން ހަރާބުވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީގެ ދަށުން ވެރިކަން ކުރެއްވި ކޮންމެ ބޭފުޅަކުވެސް ވެރިކަން ކުރެއްވީ ރައްޔިތުންގެ ތާއީދު ނެތް ކުދި ޕާޓީތަކެއް ސަރުކާރުގައި ހިމަނައިގެން ކަމަށެވެ. އެފަދަ ޕާޓީތަކުން ސަރުކާރުގެ 60 ޕަސަންޓް މަގާމުތައް ހިއްސާކުރާ ކަމަށާއި އެކަމުގެ ސަބަބުން ސިޔާސީ އަދި ވެރިކަމުގެ ނިޒާމު ހަރާބުވެ ހިތްހަމަނުޖެހުންތައް އުފެދޭ ކަމަށެވެ.

"އެހެންކަމުން އެކަމުގެ ސަބަބުން ނިކުންނަ ހިތްހަމަނުޖެހުމާއި އެ މައްސަލަތައް ކޮންމެހެން ހައްލުކުރަންޖެހޭ. އެއްވެސް މީހަކަށް ގޯސްކޮށް ކަންކަން ނުކުރެވޭ ގޮތަށް ކަންކަން ހަމަޖައްސަންވެސް ޖެހޭ،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެމްޑީޕީ އަކީ ރައްޔިތުން ބައިވެރިކޮށްގެން އިންތިހާބު ކުރާ ބަޔަކާ އެކު ވެެރިކަން ކުރަން އަބަދުވެސް ވަކާލާތު ކުރާ ބައެއް ކަމަށެވެ. ނަމަވެސް މިހާރު ގާނޫނުއަސާސީ އޮތް ގޮތުން އެމްޑީޕީއަށް ވެސް އަދި ޕީޕީއެމްއަށް ވެސް ވެރިކަން ކުރަންޖެހެނީ އެކަނި ވެރިކަން ކުރަން ބޭނުންވާ ފަސްވަރަކަށް ޕަސަންޓް ވޯޓު އިންތިހާބުގައި ނުލިބުމުން އިންތިހާބުތަކުގައި ރައްޔިތުން ބަލައިނުގަނެ ދޫކޮށްލި ޕާޓީ ތަކަކާ އެކު ކަމަށް ވިދާޅުވި އެވެ. އެ މައްސަލައަށް ހައްލު ހޯދޭނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކޮށްގެން ކަމަށް ދޭހަވާ ގޮތަށް ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ މަޖިލިސް މެންބަރާއި ވަޒީރު ބޭފުޅާ އެއީ އެއް ބޭފުޅަކަށް ވުމުން މާވަރުގަދަ ޝަހްސިއްޔަތެއް އުފެދި ރައްޔިތުންނަށް ހިދުމަތް ކުރަން ފަސޭހަވެގެންދާނެ ކަމަށެވެ.

"މިހާރުވެސް ކަމެއްް ދިމާވީމާ ރައްޔިތުން ގުޅަނީ މެންބަރުންނަށް. މެންބަރު މިޖެހެނީ ވަޒީރު ބޭފުޅާއަށް ގުޅުއްވާ އާދޭސް ދަންނަވައިގެން ކަންކަން ކުރަން. މެންބަރާއި ވަޒީރު ބޭފުޅާ އެއް ޝަހްސިއްޔަތަށްވުމުން ހިދުމަތް ދިނުން ބާރުކުރެވޭނެ،" ނަޝީދު ވިދާޅުވި އެވެ.

ބަރުލަމާނީ ނިޒާމެއްގައި މަޖިލިސް މެންބަރާއި ވަޒީރު ބޭފުޅާގެ ޝަހްސިއްޔަތު ވަރުގަދަވުމުން ކޮރަޕްޝަނާއި ފައިސާގެ ތެރެއިން ކަންކަން ކުރުން ހުއްޓުވިދާނެ ކަމުގައިވެސް ވިދާޅުވި އެވެ. މީހަކު ކޮރަޕްޝަނާއި ފައިސާއަށް ދީލާލަނީ އެމީހަކު އަމިއްލައަށް ނަފްސު ނިކަމެތި ކަމަށް ގަބޫލުކުރެވިގެން ކަމުގައި ވިދާޅުވެ ބަރުލަމާނީ ނިޒާމުގެ ރަނގަޅު ކަންކަން ނަޝީދު ދިފާއުކުރެއްވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީގެ ދަށުން ވަރަށް ގިނަ ކާމިޔާބީތައް ވެސް ހޯދިއްޖެ ކަމަށެވެ. އެގޮތުން ރަނގަޅު ޓެކްސް ނިޒާމެއް ތައާރަފްކުރެވި ދައުލަތުގެ އާމްދަނީ ވަރަށް ބޮޑަށް އިތުރުކުރެވިއްޖެ ކަމަށާއި އަދި އިޖުތިމާއީ އެތައް ކަމެއްވެސް ހައްލުކުރެވި ހިދުމަތް ދިނުން ބާރުކުރެވިއްޖެ ކަމަށެވެ. އެކަމަކު ރައްޔިތުން އެދޭ ގޮތަށް ކުރަންޖެހޭ ކަންކަން އަދިވެސް އެބަހުރި ކަމަށާއި އޮނިގަނޑުގެ ތާށި ހައްލުކުރެވިގެން ކަންކަން ރަނގަޅު ކުރެވޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

ކޮވިޑް ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް ވަރަށް ބޮޑެތި ގެއްލުން ލިބިފައި ވަނިކޮށް މިވަގުތު ދުނިޔޭގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ އިގްތިސޯދަށް އިތުރު ލޮޅުންތައް އަރާނެ ކަމުގައިވެސް ނަޝީދު ވިދާޅުވި އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނެގި ލޯންތައް ދައްކަންޖެހުމާއި މޫސުމީ ބަދަލުތަކާއި ގުޅިގެން ލިބޭ ގެއްލުންތައް ހަމައަކަށް އަޅުވަން ދައުލަތުގެ އާމްދަނީގެ 50 ޕަސަންޓަށް ވުރެ ބޮޑު ހޭދައެއް މިހާރުވެސް ކުރަންޖެހޭތީ ނިޒާމުގެ އޮނިގަނޑަށް ބަދަލު ގެނެސް އިގްތިސޯދީ މައްސަލަތަކަށް ވެސް ހައްލު ހޯދަންޖެހޭ ކަމުގައި ވިދާޅުވި އެވެ.

"ދިވެހި ރައްޔިތުންނަކީ ބުއްދިވެރި ބައެއް. އެމްޑީޕީ މަސައްކަތް ކުރަނީ ދިވެހި ރައްޔިތުންގެ ފައިދާއަށް،" ނަޝީދު ވިދާޅުވި އެވެ.