ޖަޕާން

ނުކުޅެދުންތެރިކަން ހުންނަ ދިވެހިންނަށް ޖަޕާނުން ތިން އުޅަނދު ދީފި

Aug 15, 2022

ނުކުޅެދުންތެރިކަން ހުންނަ ދިވެހިން ބޭނުންކުރުމަށް ޖަޕާން ސަރުކާރުން ތިން އުޅަނދު ހަދިޔާކޮށްފި އެވެ.

ޖަޕާން ސަރުކާރުގެ ފަރާތުން އުޅަނދުތައް ހަދިޔާކޮށްދެއްވީ ރާއްޖޭގައި ހުންނަވާ ޖަޕާން ސަފީރު މިޑޯރީ ޓަކެއޫޗީ އެވެ. ރާއްޖޭގެ ފަރާތުން އުޅަނދުތަކާއި ހަވާލުވީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕާސަންސް ވިތު ޑިސްއެބިލިޓީޒް (އެމްއޭޕީޑީ) އެވެ.

ޖަޕާނުން ހަދިޔާކުރި އުޅަނދުތަކަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިން ދުއްވާ ފުރޮޅުލީ ގޮނޑި ފަސޭހައިން އަރުވާ ބޭލޭ ގޮތަށް ތައްޔާރުކޮށްފައިވާ އުޅަނދެކެވެ.

މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޖަޕާން ސަރުކާރުން ހަދިޔާ ކުރި ތިން އުޅަނދުގެ ސަބަބުން އެފަދަ މީހުންނަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ.

"އެމްއޭޕީޑީ އިން ކުރި މުހިއްމު މަސައްކަތުގައި ޔޫތު މިނިސްޓްރީގެ ފަރާތުން އެހީތެރިވުމަކީ ލިބޭ ބޮޑު އުފަލެއް. ޖަޕާން ސަރުކާރަށް ޝުކުރު،" މަހްލޫފް ވިދާޅުވި އެވެ.