ހަބަރު

ލަންކާ ސްނައިޕަރުގެ ބަންދު އަނެއްކާ ވެސް އިތުރުކޮށްފި

ރާއްޖޭގައި ހައްޔަރުކޮށްފައި ހުރި ސްރިލަންކާ ސްނައިޕަރުގެ ބަނދުގެ މުއްދަތް އިތުރުކޮށްފި އެވެ.

ރައީސް ޔާމިން އަވަހާރަކޮށްލަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރެވިފައިވާ މީހާގެ ބަނދަށް އަނެއްކާވެސް ޖަހައިފާ ވަނީ 15 ދުވަހުގެ މުއްދަތެކެވެ. މިއީ އޭނާ ބަނދަށް 15 ދުވަސް އިތުރުރުކުރި ހަވަނަ ފަހަރެވެ.

ރައީސް އަބްދުﷲ ޔާމީން ލޯންޗުކޮޅަށް ދިން ހަމަލާއަށް ފަހު ގިނަ އަދަދެއްގެ ފައިސާ ދީގެން އެމަނިކުފާނު އަވަހާރަކޮށްލަން ލަހިރު މަދުޝަންކަ ރާއްޖެ ގެނެއި ކަމުގެ ތުހުމަތުގައި ޑިސެމްބަރު މަހު 17 ގައި ވަނީ އިތުރު ތިން މީހެއް ވެސް ހައްޔަރުކޮށްފަ އެވެ.

ލަންކާގެ ސްނައިޕަރެއް ކަމަށް ފުލުހުން ތުހުމަތުކޮށް ބަނދުގައި ބަހައްޓާފައި ހުރި ލަންކާގެ ރައްޔިތެއް ކަމަށްވާ ލަހިރު މަދުޝަންކަގެ ބަނދުގެ މުއްދަތް އިތުރުކޮށްފައިވާ އިރު ލަންކާ އިން އަންނަނީ އޭނާ އަކީ އެއްވެސް އަސްކަރީ ތަމްރީނެއް ލިބިފައި ނުވާ މީހެއް ކަމަށް ބުނަމުންނެވެ.

ސްނައިޕަރުގެ ވަކީލް ޝަބްދިކާ ވެލުޕިއްލޭ ވިދާޅުވެފައިވަނީ، އެ މައްސަލައިގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ދައްކާ ވާހަކަތަކާއި ލަންކާގެ ޑިފެންސް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީން ދައްކާ ވާހަކަތައް ދިމާނުވާ ކަމަށެވެ. ސްނައިޕަރުގެ މައްސަލަގައި ލަންކާގެ މަސައްކަތް ލަސް ކަމަށް ވަނީ ވިދާޅުވެފައެވެ.

"ރާއްޖެއިން ލަހިރު މަދުޝަންކަގެ ތަހުގީގުކުރާ ފަރާތްތަކުން އަޅުގަނޑަށް އަންގަނީ ލަންކާގެ ކަމާބެހޭ ފަރާތްތަކުން ކުރަންޖެހޭ ކަންތައްތައް ނުނިންމާތީއޭ އޭނާ ދޫކޮށްނުލަނީ،"

ވަކީލެއްގެ ގޮތުގައި ރާއްޖެއަށް އައުމަށް އޭނާއަށް ވިސާ ހަމަނުޖެހޭ ކަމަށް ވެސް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ ފޮރިން މިނިސްޓްރީން ބިޒްނަސް ވިސާ ހަމަޖައްސައިދީފައިވާ ކަމަށާއި ނަމަވެސް އަދިވެސް އޭނާގެ އަތަށް ވިސާ ނުލިބޭ ކަމަށެވެ.