ރައްޔިތުންގެ މަޖިލިސް

ސަފީރެއްގެ ގޮތުގައި އިތުރު ހަ ގައުމަކަށް ޝާން އައްޔަންކުރަނީ

Aug 18, 2022
7

ޖަރުމަންގައި ހުންނަވާ ދިވެހި ސަފީރު އައިޝަތު ޝާން ޝާކިރު، ނޮން ރެސިޑެންޓް ސަފީރެއްގެ ގޮތުގައި ހަ ގައުމަކަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހަޅުއްވައިފި އެވެ.

ޝާން އަށް ރުހުން ދިނުމާ މެދު މަޖިލީހުން ނިންމަވާ ގޮތެއް އަންގަވައިދެއްވުން އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މަޖިލީހަށް ފޮނުއްވި ސިޓީފުޅު އަމީންއާންމު ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވަވާފަ އެވެ.

މަޖިލީހުން ރުހުން ދިނުމުން ނޮން ރެސިޑެންޓް ސަފީރެއްގެ ގޮތުގައި ޝާން އައްޔަންކުރަން ނިންމަވާފައިވަނީ ރަޝިއާ، ފިންލެންޑް، ސްވިޑަން، ނޯވޭ، ޑެންމާކް އަދި ޔުކްރޭނަށެވެ.

ނޮން ރެސިޑެންޓް ސަފީރެއްގެ ގޮތުގައި ޝާން މަސައްކަތް ކުރައްވާނީ ޖަރުމަންގައި ހުންނަވައިގެންނެވެ.

އާންމު ގޮތެއްގައި ނޮން ރެސިޑެންޓް ސަފީރުން އައްޔަންކުރަނީ އެމްބަސީ ގާއިމުކޮށްފައި ނުހުންނަ ގައުމުތަކަށެވެ.

ޖަރުމަންގައި ހުންނަވާ ސަފީރު ކަމަށް ޝާން އައްޔަންކުރަން މަޖިލީހުން ރުހުން ދިނީ މިއަހަރު މެއި 24 ވަނަ ދުވަހު އެވެ. ޖަރުމަން ސަފީރު ކަމަށް އައްޔަންކުރައްވާ ޝާން އަށް މަގާމުގެ ލިޔުން ހަވާލުކުރެއްވީ މިދިޔަ ޖުލައި 20 ވަނަ ދުވަހު އެވެ.

ޖަރުމަން ސަފީރުކަމަށް އައްޔަންކުރެއްވުމުގެ ކުރިން ޝާން ހުންނެވީ ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމުގަ އެެވެ.