ރައްޔިތުންގެ މަޖިލިސް

ސަފީރުކަމަށް ތިން ބޭފުޅަކަށް ރުހުން ދީފި

Aug 18, 2022

ރާއްޖެއިން ސަފީރު ކަމަށް އައްޔަންކުރަން ނިންމާފައިވާ ތިން ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.

މަޖިލީހުން މިއަދު ރުހުންދިނީ އިންޑިއާ އަށް ކަނޑައަޅާ އާ ސަފީރަކަށް އިބްރާހިމް ޝަހީބަށާއި، މެލޭޝިއާ އަށް ކަނޑައަޅާ އާ ސަފީރަކަށް އަލީ ހުސައިން ދީދީ (އަލިދީ)ގެ އިތުރުން އެމެރިކާ އަށް ކަނޑައަޅާ އާ ސަފީރަކަށް އަބްދުލްގަފޫރު މުހައްމަދަށެވެ.

ޝަހީބް ވަނީ ފޮރިން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ކަމާއި އެޑިޝަނަލް ސެކްރެޓަރީ ކަމާއި ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމާއި ސިންގަޕޫރުގައި ހުންނަވާ ދިވެހި ސަފީރުކަން ކުރައްވާފަ އެވެ.

އަލިދީ ކުރިން ވަނީ ލަންކާގައި ހުންނަވާ ދިވެހި ސަފީރުކަމާއި ޔޫރަޕިއަން ޔޫނިއަންގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމުވެސް ފުރުއްވާފަ އެވެ. މީގެއިތުރުން މާލެ މުނިސިޕަލްޓީގެ ރައީސްކަންވެސް ދުވަސްތަކެއް ވަންދެން އަދާކުރައްވާފައިވެ އެވެ.

އެމެރިކާގައި ހުންނެވި ސަފީރަކަށް އައްޔަންކުރެއްވި ޣަފޫރު މިވަގުތު ހުންނެވީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމުގަ އެވެ.

ސަފީރުން އައްޔަންކުރާ މައްސަލައިގައި އިިދިކޮޅު ޕާޓީގެ ބައެއް މެންބަރުން މިއަދު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. މެންބަރުންގެ މައިގަނޑު ކަންބޮޑުވުމަކީ އިގްތިސޯދީ ގޮތުން ދަތި ދުވަސްވަރެއްގައި ރާއްޖެއަށް އެހާ މުހިއްމު ނޫން ގައުމުތަކަށް ސަފީރުން އައްޔަންކޮށް ބޮޑެތި މުސާރަތަކުގައި އެގައުމުތަކުގައި މުވައްޒަފުން ބޭތިއްބުމެވެ.