މޯލްޑިވްސް ޕޮލިސް ސާވިސް

ބިދޭސީ މީހާގެ ރަން ފަށް ފޭރުނު މީހާ ހައްޔަރުކޮށްފި

Aug 18, 2022

މާލޭގެ ދިލްބަހާރު މަގުން ހިނގާފައި ދިޔަ ބިދޭސީއެއްގެ ކަރުގައި އޮތް ރަން ފަށް ފޭރުނު މީހާ ހޯދައި އެމީހާ ހައްޔަރުކޮށްފި އެވެ.

މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ ގދ. ތިނަދޫ، އޯކިޑްމާގޭ މުހައްމަދު ޝަމްލީން (32 އ) އެވެ؛

ޝަމްލީންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 30 ދުވަސް ދީފަ އެވެ.

މިދިޔަ ހުކުރު ދުވަހު ހިނގި މިހާދިސާގައި މަގުމަތިން ދުއްވާފައި ދިޔަ ސައިކަލެއްގައި ތިބި ދެ މީހުންގެ ތެރެއިން ފަހަތުގައި އިން މީހާ ފޭރިގަތީ އިންޑިއާ އަންހެނެއްގެ ކަރުގައި އޮތް ރަށް ފަށެވެ. މިމަންޒަރުގެ ސީސީޓީވީ ފުޓޭޖު ވަނީ ސޯޝަލްމީޑިއާގައި އާންމުކޮށްފަ އެވެ.

މިމައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ފުރަތަމަ ގެންދިޔައީ ސައިކަލް ދުއްވަން އިން މ. ކަކޮޅަސް، މުހައްމަދު އަލްތާފް (31 އ) އެވެ. އޭނާގެ ބަންދަށް ކޯޓުން ދީފައިވަނީ 15 ދުވަހެވެ.

ފުލުހުން ބުނާ ގޮތުގައި ޝަމްލީން އާއި އަލްތާފަކީ ވެސް ކުށުގެ ރެކޯޑް އޮންނަ ދެ މީހުންނެވެ.