މޯލްޑިވްސް ޕޮލިސް ސާވިސް

އުޅަނދުތަކަށް ގެއްލުންދޭ ވާހަކަ ދޮގުކޮށްފި

Aug 19, 2022

ޕޮލިސް ޓޯޔާޑްގައި ހުރި އުޅަނދުތަކަކަށް ފުލުހުން ގެއްލުންދެނީ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރު ކުރާ ވީޑިއޯގައި ފެންނަ މަންޒަރުގެ ހަގީގަތް ފުލުހުން ހާމަކޮށްފި އެވެ.

ވީޑިއޯގައި ފެންނަނީ ޓޯޔާޑްގައި ބަހައްޓާފައި ހުރި ސައިކަލެއްގައި ފުލުހަކު ދަގަނޑުބުރިއެއް ފާޑު އެއްޗަކުން ތަޅަމުންދާ މަންޒަރެވެ.

ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވުމާ އެކު ބައެއް އާންމުން ވަނީ ފުލުހުންނަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. ބައެއް މީހުން ބުނި ގޮތުގައި ޓޯޔާޑަށް ގެންދާ އުޅަނދުތަކަށް ގެއްލުން ދިނުމާއި އިހްމާލުވުމަކީ ފުލުހުންގެ ފަރާތުން އާންމުކޮށް ފެންނަ ކަމެކެވެ.

ފުލުހުން ބުނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ޓޯޔާޑަށް ގެންދާ އުޅަނދުތައް އަނބުރާ ގެންދިއުމަށް އެ އުޅަނދެއްގެ ވެރިފަރާތަށް 60 ދުވަހުގެ މުއްދަތެއް ލިބިގެންދާ ކަމަށެވެ. އެ މުއްދަތުގައި ނުގެންގޮސް ހުންނަ އުޅަނދުތައް ނައްތާލުމުގެ ބާރު ގާނޫނީ ގޮތުން ފުލުހުންނަށް ލިބިފައިވާ ކަމަށްވެސް ބުންޏެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ އުޅަނދުތައް ނައްތާލުމުގެ ކުރިން އެ އުޅަނދެއް ޗެކް ކުރުމަކީ ފުލުހުން ކުރާ ކަމެއް ކަމަށާއި އުޅަނދުތައް ނައްތާލާނީ ހަމަޖެހިފައިވާ އުސޫލުން އަދި ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ކަމަށްވެސް ބުންޏެވެ. ދައުރުވާ ވީޑިއޯގައި ވެސް ފެންނަނީ އުޅަނދެއް ނައްތާލުމުގެ ކުރިން ކުރަންޖެހޭ ކަންކަން ކުރަމުންދާ މަންޒަރު ކަމަށްވެސް ބުނެފައިވެ އެވެ.

ޓޯޔާޑަށް ގެންގޮސްފައި ހުންނަ ގިނަ އުޅަނދުތަކަކީ ގަވައިދާ ހިލާފަށް ޕާކް ކުރުމުން ގެންގޮސްފައި ހުންނަ އުޅަނދުތަކެވެ.