- ހުޅުމާލެ ފަޅު ހުސްކުރަން ޖެހެނީ އަންނަ މަހު 26 ގައި
- ގުޅިފަޅުގައި ތިލަފުށީގެ މެހީގެ އުނދަގޫ ބޮޑު

ހުޅުމާލެ ފަޅުގައި އަޅާފައި ހުރި ސަފާރީތައް ގުޅިފަޅަށް ބަދަލު ކުރަން ފައްތިޔާ ޖަހަން ފަށައިފި އެވެ.
ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ހުޅުމާލެ ފަޅުގައި ހުރި ސަފާރީ އުޅަނދުތައް އަންނަ މަހުގެ 26 ގެ ކުރިން ނަގަން އަންގާފަ އެވެ.
"އަވަސް" އަށް އެނގިފައިވާ ގޮތުގައި ހުޅުމާލެ ފަޅުގައި ހުރި އުޅަނދުތައް ގުޅީ ފަޅަށް ބަދަލު ކުރުމުގެ ގޮތުން އެ ފަޅުގައި ދަނީ ފައްތިޔަ ޖަހަމުންނެވެ.
ރާއްޖޭގެ ސަފާރީ އޮޕަރޭޓަރުންގެ ޖަމިއްޔާ، ލިވަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) ގެ ރައީސް ހަސަން ހަލީމް ވިދާޅުވީ ހުޅުމާލެ ފަޅުގައި ހުރި ސަފާރީތައް ނަގަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ދަށުން ހިއްކުމުގެ މަސައްކަތް ކުރުމަށާއި އެއާޕޯޓް ބޮޑު ކުރުމުގެ މަސައްކަތް ފެށުމަށް ކަމަށެވެ.
" ހުޅުމާލެއަށް ވަންނަ ނެރު ކައިރީގައި އޮންނަ ފަސްގަނޑު ސަރަހައްދު ހިއްކައި އެއާޕޯޓް އެކްސްޕެންޝަން މަސައްކަތް ކުރުމަށް ކަމަށް އެނގިފައި އޮތީ ސަފާރީތައް ނަގަން ޖެހެނީ. އެ މަސައްކަތް ފެށުމަށް އުޅަނދު ފަހަރު އެތަނަށް ވަދެ ނިކުމެ ހަދަން ދަތިވެދާނެތީ ކަމަށް ވަނީ،" ހަސަން ވިދާޅުވި އެވެ.
ހުޅުމާލެ ފަޅަކީ ރާއްޖޭގެ ގިނަ އަަދަދެއްގެ ސަފާރީ އުޅަނދު ފަހަރު އަޅާފައި އޮންނަ ފަޅެކެވެ.
ލޭމްގެ ރައީސް ހަސަން ވިދާޅުވީ ހުޅުމާލެ ފަޅުން ސަފާރީ އުޅަނދު ފަހަރު ނެރެ، ދެން ވަންނަން ޖެހޭ ގުޅީ ފަޅަކީ "ބައެއް ފަހަރު ދަތިތަކާ" ދިމާވާނެ ތަނެއް ކަމަށެވެ.
"މި މޫސުމުގައި ރަނގަޅު ވާނެ އެތަން [ގުޅީފަޅު] އެކަަމަކު އެހެން ދުވަސްވަރު ތިލަފުށީ ކުނި ގޮނޑުން އަންނަ މެހީގެ އުނދަގޫ ވަރަށް ބޮޑު ވާނެ ގުޅީ ފަޅުގައި ތިބޭއިރު. އެކަމަކު ހުޅުމާލެ ފަޅަށް ވުރެ މަޑުވާނެ އެތަން [ގުޅީފަޅު]،" ހަސަން ވިދާޅުވި އެވެ.
ރާއްޖޭގެ ސަފާރީތައް ގުޅީ ފަޅަށް ބަދަލު ކުރަން ނިންމިއިރު، ސަފާރީތަކަށް ބަނދަރެއް ހޯދުމުގެ މަސައްކަތް ލޭމުން ކުރަމުން ގެންދާތާ ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ. ނަމަވެސް އެ ކަމަށް އަލިމަގެއް ފެނޭ ގޮތެއް އަދި ނުވެ އެވެ.