ހައްވާ ޒުހާ

ޒުހާގެ ދަރިއެއް ދައުލަތުގެ ބެލުމުގެ ދަށަކު ނެތް: ޖެންޑާ

މިދިޔަ ބުދަ ދުވަހުގެރޭގެ ވަގުތެއްގައި ގަލޮޅު ދޫހިމެރި ގޯޅިގަނޑުގެ ތެރޭގައި މަރުވެފައި އޮއްވާ ފެނިފައިވާ ލ. ގަންތުނޑި / ބާބުލްއަވާލީ، ހައްވާ ޒުހާގެ ދަރިއަކު ކުޑަކުދިންގެ ހިޔާގައި ހުރިކަމަށްބުނާ ޚަބަރުތައް ލޯ އެންޑް ޖެންޑާ މިނިސްޓްރީން ދޮގުކޮށްފި އެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޒުހާގެ ދަރިއެއް ކުޑަކުދިންގެ ހިޔާގެ ބެލުމުގެ ދަށުގައިވާ ކަމަށް ބުނެ ޚަބަރު ފަރުތާ ވަސީލަތްތަކުން ސައްހަ ނޫންގޮތުގައި މައުލޫމާތު ފަތުރަމުންދާ ކަމަށެވެ. ބަޔާނުގައިވާ ގޮތުން، އެއްވެސް އިރެއްގައި ހައްވާ ޒުހާގެ ދަރިއަކު ދައުލަތުގެ ބެލުމުގެ ދަށުގައި ބަހައްޓާފައެެއް ނުވެއެވެ.

ޒުހާގެ މަރާ ގުޅިގެން ފުލުހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޒުހާގެ މަރުގެ މައްސަލަ އިތުރަށް ބަލައި ތަހުގީގު ކުރުމަށް އޭނާގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވައިގެން ޕޯސްޓްމޯޓަމް ހަދަން ފުލުހުން ނިންމާފައިވާ ކަމަށާއި އެކަމާބެހޭ މަޝްވަރާ ކުރަމުން ގެންދާކަމަށެވެ.

އެބަޔާނުގައު ބުނެފައި ވަނީ "މި މައްސަލާގައި މިހާތަނަށް ބެލި ބެލުމުން ތަހުގީގުން އެނގިފައިވާގޮތުގައި މިއީ ގުދުރަތީ ގޮތުން މަރުވެފައިވާ މަރުވުމެއްނޫނެވެ. މީގެ އިތުރުން، މިހާތަނަށް ތަހުގީގުން ހޯދުނު ހޯދުންތަކުން ތުހުމަތު ކުރެވެނީ ޒުހާ މަރާލުމަށްފަހު ގަލޮޅު ދޫހިމެރި މަގު ގޯޅިއެއްގެ ތެރެއަށް އެއްލާލާފައި އޮތީ" ކަމަށެވެ.

ޒުހާގެ މަރާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފައިވެއެވެ. ހައްޔަރުކޮށްފައި ވަނީ 28 އަހަރުގެ ފިރިހެނަކާއި 50 އަހަރުގެ އަންހެނެކެވެ. އެދެމީހުން ހައްޔަރުކުރުމަށްފަހު އެދެމީހުން ދިރިއުޅޭގެ ބަލައި ފާސްކޮށް ތަހުގީގަށް ބޭނުންވާ ބައެއް ތަކެތި ވެސް ވަނީ ހޯދާފަ އެވެ.

ޒުހާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަން ހެދުމަށް ބޭރަށް ފޮނުވުމުގެ މަސައްކަތްކުރާ އިރު އޭނާގެ ހަށިގަނޑު މިވަގުތު ބާއްވާފައި ވަނީ މޯަޗަރީގަ އެވެ.