ހަބަރު

ފަރިޔާލުގެ މަރާ ގުޅިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި މުޒާހަރާ

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ސިޒޭރިއަން ހެދުމަށް ފަހު، ލޭ މަނާނުވެ ހާލު ދެރަވުމަށްފަހު ރޭގެ ވަގުތެއްގައި މަރުވި އައިޝަރު ފަރިޔާލުގެ މައްސަލާގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އެރަށުގެ ބަޔަކު މުޒާހަރާ ކުރަން ފަށައިފި އެވެ.

ހދ. އަތޮޅު ކައުންސިލްގެ މެންބަރަކު "އަވަސް"އަށް ވިދާޅުވީ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އެތެރޭގައި އާއި ބޭރުގައި ގިނަ އަދަދެއްގެ ރައްޔިތުން އެއްވެފައިވާ ކަމަށެވެ.

މުޒާހަރާ އިންތިޒާމްކުރި މީހުންގެ ތެރެއިން އެކަކު ބުނީ ފަރިޔާލުގެ މަރަކީ މުޅި ކުޅުދުއްފުށީގެ ރައްޔިތުން ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. އޭނާ ބުނީ، މުޒާހަރާ ހުއްޓާލާނީ ކުޅުދުއްފުށީ ހޮސްޕިޓަލުން މި މައްސަލާގައި ވާހަކަ ދެއްކުމުން ކަމަށެވެ. މިހާތަނަށް ކުޅުދުއްފުށީ ހޮސްޕިޓަލުން މިކަމުގައި އެއްޗެއް ބުނެފައެއް ނުވެއެވެ.

މުޒާހަރާގެ ބައިވެރިން ދަނީ ފަރިޔާލުގެ ސިޒޭރިއަން ހެދި ޑޮކްޓަރު ލުއިސް ރަށުން ބޭލުމަށް ގޮވަމުންނެވެ. އަދި ކުޅުދުއްފުށީ ހޮސްޕިޓަލްގެ މެނޭޖަރު އިންރާހިމް ވަހީދުގެ އިސްތިއުފާއަށް ވެސް ދަނީ ގޮވަމުންނެވެ. މި މައްސަލާގައި އިބްރާހިމް ވަހީދުގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ.

މުޒާހަރާ އިންތިޒާމްކުރާ ފަރާތުން ބުނީ ޑޮކްޓަރު ލުއިސްގެ އަތުން މީގެ ކުރިން ވެސް އެތައް ހާދިސާއެއް ހިނގާފައިވާ ކަމަށާއި ލުއިސްއަކީ ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ޑޮކްޓަރެއް ކަމަށެވެ.

ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ވަހީދު ވިދާޅުވީ، އެފަދަ މައްސަލަތައް ތަހުގީގުކުރުމަށް ހެލްތް މިނިސްޓްރީގައި އުފައްދާފައިވާ ސެކްޝަނުން ފަރިޔާލުގެ މައްސަލައިގެ ތަހުގީގުކުރަން ފަށާފައިވާ ކަމަށެވެ. ތަހުގީގުކުރަމުންދާތީ، މި މައްސަލައިގެ ތަހުގީގުގައި ސުވާލުކުރާ ފަރާތްތައް ޑރ. ވަހީދު ވިދާޅެއް ނުވި އެވެ. އޭނާ އަދި ވިދާޅުވީ މިސްރަށް ނިސްބަތްވާ އެ ޑޮކްޓަރު ސަސްޕެންޑް ކުރުމަށް ފަހު، މާލެ ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

އިއްޔެ މެންދުރު ފަހުން ޓީއެމްއޭގެ ސީޕްލޭނެއްގައި މާލެ ގެނައި އަންހެން މީހާ އައިޖީއެމްއެޗަށް ގެނެސް ފަރުވާ ދޭން ފެށީ އައިސީޔޫގަ އެވެ. އައިޖީއެމްއެޗުން ރޭ ބުނީ އަންހެން މީހާގެ ހާލު ވަރަށް ކްރިޓިކަލް ކަމަށާއި ނޭވާ ލަނީ ވެންޓިލޭޓަރުގެ އެހީގައި ކަމަށެވެ.

އަންހެން މީހާ ސިޒޭރިއަން ހެދުމަށް ފަހު ލޭ މަނާނުވުމުން، އޭނާގެ ގަޔަށް ގިނަ އަދަދަކަށް ލޭ ވެސް އެޅި އެވެ. އަދި ލޭ މަނާކުރަން ރަހިމު ވެސް ނެގި އެވެ. ސިޒޭރިއަން އަށް ފަހު ނެގި ތުއްތު ކުއްޖާގެ ހާލު ރަނގަޅު ކަމަށްވެ އެވެ.