ރައްޔިތުންގެ މަޖިލިސް

ޝާން އަށް ރުހުން ދޭން ކޮމިޓީން ތާއީދު

Aug 23, 2022

ޖަރުމަންގައި ހުންނަވާ ދިވެހި ސަފީރު އައިޝަތު ޝާން ޝާކިރު، ނޮން ރެސިޑެންޓް ސަފީރެއްގެ ގޮތުގައި ހަ ގައުމަކަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގައި މައްސަލަ ދިރާސާކުރި މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ނިންމައިފި އެވެ.

ޝާން އަށް ރުހުން ދިނުމާ މެދު މަޖިލީހުން ނިންމަވާ ގޮތެއް އަންގަވައިދެއްވުން އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ޝާންގެ ނަން މަޖިލީހަށް ހުށަހެޅުއްވީ މިމަހުގެ 18 ވަނަ ދުވަހު އެވެ.

މަޖިލީހުގެ ރިޔާސަތުން އެ ދުވަހު މިމައްސަލަ ދިރާސާކުރަން ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވުމުން ކޮމިޓީގެ އަގުލަބިއްޔަތުން ވަނީ އޭނާ އަށް ރުހުން ދޭން ފާސްކޮށްފަ އެވެ.

ކޮމިޓީގެ ރިޕޯޓް ފާސްކޮށް މަޖިލީހުން ރުހުން ދިނުމުން ނޮން ރެސިޑެންޓް ސަފީރެއްގެ ގޮތުގައި ޝާން އައްޔަންކުރަން ނިންމަވާފައިވަނީ ރަޝިއާ، ފިންލެންޑް، ސްވިޑަން، ނޯވޭ، ޑެންމާކް އަދި ޔުކްރޭނަށެވެ.

ނޮން ރެސިޑެންޓް ސަފީރެއްގެ ގޮތުގައި ޝާން މަސައްކަތް ކުރައްވާނީ ޖަރުމަންގައި ހުންނަވައިގެންނެވެ.

އާންމު ގޮތެއްގައި ނޮން ރެސިޑެންޓް ސަފީރުން އައްޔަންކުރަނީ އެމްބަސީ ގާއިމުކޮށްފައި ނުހުންނަ ގައުމުތަކަށެވެ.

ޖަރުމަންގައި ހުންނަވާ ސަފީރު ކަމަށް ޝާން އައްޔަންކުރަން މަޖިލީހުން ރުހުން ދިނީ މިއަހަރު މެއި 24 ވަނަ ދުވަހު އެވެ. ޖަރުމަން ސަފީރު ކަމަށް އައްޔަންކުރައްވާ ޝާން އަށް މަގާމުގެ ލިޔުން ހަވާލުކުރެއްވީ މިދިޔަ ޖުލައި 20 ވަނަ ދުވަހު އެވެ.

ޖަރުމަން ސަފީރުކަމަށް އައްޔަންކުރެއްވުމުގެ ކުރިން ޝާން ހުންނެވީ ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމުގަ އެެވެ.