ދުނިޔެ

ޔުކްރޭނަށް ފޮނުވާނެ ހަތިޔާރެއް ޖަރުމަނުގައި ނެތް: ޖަރުމަނު

ޖަރުމަނުގައި ހުރި ހަތިޔާރުން ބައެއް ޔުކްރޭނަށް ފޮނުވަން ހަދައިގެން އަސްކަރިއްޔާއިން ހަތިޔާރު ހުސްވުމުގެ ބިރު އުފެދިދާނެ ކަމަށް ފޮރިން މިނިސްޓަރު އަނަލިނާ ބިއާބޮކް ވިދާޅުވެއްޖެ އެވެ.

ބިއާބޮކް ވިދާޅުވި ގޮތުގައި ބޭރު ގައުމަކަށް ފޮނުވޭ ވަރަށް ހަތިޔާރު ގުދަން ކުރުމަކީ ޖަރުމަން އެއްވެސް އިރެއްގައި ކުރި ކަމެއް ނޫނެވެ. މިއިން ޒަމާނަކު ވެސް އެކަހަލަ ހާޖަތެއް ޖެހިފައި ނުވާ ކަމަށް ވެސް އެ ކަމަނާ ވިދާޅުވި އެވެ.

ޖަރުމަންގެ އަސްކަރިއްޔާ ހިއްސާކުރާ ބައެއް ކަންކަމުގައި އަމަލީ ގޮތުން މިހާރު ވެސް ހަތިޔާރު ބޭނުންކުރާ ކަމަށް ޚާރިޖީ ވަޒީރު ވިދާޅުވި އެވެ. ޔުކްރޭނަށް ފޮނުވަން އެދެވެނީ ވެސް ފަންނީ ގޮތުން ޒަމާނީ ހަތިޔާރު ކަމަށް ވެސް އެ ކަމަނާ ވިދާާޅުވި އެވެ.

ޔުކްރޭނަށް އެހީތެރިވުމަކީ ޖަރުމަން ކުރާނެ ކަމެއް ކަމަށް ވެސް ބިއާބޮކް ވިދާޅުވި އެވެ. ޖަރުމަނަށް ލިބިފައި ހުރި ބާރުވެރިކަމާ އެކު ޔުކްރޭނަށް އެހީތެރިވެ ދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޔުކްރޭނަށް ފޮނުވަން އެދިވަޑައިގަންނަވާ ހަތިޔާރު ޖަރުމަނުގައި މަދު ނަމަވެސް، ހަތިޔާރު އުފައްދާ ގައުމުތަކާއި އަދި ކުންފުނިތަކާ ވާހަކަދައްކައިގެން -- ޖަރުމަނުން ޚަރަދުކުރާ ގޮތަށް ޔުކްރޭނަށް ހަތިޔާރު ވޮނުވައި ދެއްވާނެ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.

ޖަރުމަނުގައި ހަތިޔާރު އުފައްދާ ކުންފުނިތަކާ މަޝްވަރާކުރައްވައި ޔުކްރޭނަށް ޚާއްސަ ހަތިޔާރަށް އޯޑަރު ދެއްވާނެ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ. ޔުކްރޭނަށް ފޮނުވަން އުފައްދާ ހަތިޔާރުގެ ތެރޭގައި އެއްގަމާއި ވައިގެ ސިފައިންނަށް ޚާއްސަ ހަތިޔާރު ހިމެނޭ ކަމަށް ވެސް ބިއާބޮކް ވިދާޅުވި އެވެ.

ޔުކްރޭން އޮތީ ހަތިޔާރަށް ބޭނުންޖެހިފައި ކަމަށް ވެސް ބިއާބޮކް ވިދާޅުވި އެވެ. އެހެން ނަމަވެސް، ހަތިޔާރު އުފައްދަން ވަގުތު ނަގާނެ ކަމަށް ވިދާޅުވި އެވެ.

އެދެވޭ އެންމެ އަވަސް މިނުގައި ހަތިޔާރު ފޮނުވޭ ގޮތް ނުވި ނަމަވެސް ޔުކްރޭނަށް ސަޕޯޓްކުރުން ޖަރުމަން ހުއްޓާއި ނުލާނެ ކަމަށްވެސް ވިދާޅުވި އެވެ.

ބިއާބޮކް ވިދާޅުވި ގޮތުގައި ޔުކްރޭނަށް އެންމެ އަވަހަށް ވެސް ހަތިޔާރު ފޮނުވޭނެ ކަމަށް އުންމީދު ކުރެއްވެނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ.