ނޮޅިވަރަންފަރު

ގޭސް ލީކުވެ ދެ މީހަކު ފިހިއްޖެ

Aug 27, 2022

ހދ. ނޮޅިވަރަންފަރުގައި ގޭސް އުނދުނެއް ރޯކުރަން އުޅުމުގެ ތެރޭގައި އަލިފާން ރޯވެ ދެ މީހަކު ފިހިއްޖެ އެވެ.

ނޮޅިވަރަންފަރުގެ ބައެއް މީހުން ބުނި ގޮތުގައި މިއަދު ހެނދުނު މިހާދިސާ ހިނގީ ގޭސް ލީކްވެފައި ހުއްޓާ އުނދުން ރޯކުރުމުގެ ތެރޭގަ އެވެ.

މިހާދިސާގައި ފިހިފައިވަނީ 32 އަހަރުގެ އަންހެނަކާއި އޭނާގެ ދެ އަހަރުގެ ދަރިފުޅެވެ.

އަންހެން މީހާގެ ދެ އަތާއި ދެ ފައިގެ އިތުރުން މޫނާއި ބަނޑު ފިހިފައިވާއިރު ކުޑަކުއްޖާގެ ހަށިގަނޑުގެ އެކި ތަންތަން ފިހިފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެ އެވެ.

އަވަސް އަށް މައުލޫމާތު ދިން ބައެއް މީހުން ބުނި ގޮތުގައި އަންހެން މީހާގެ ހަށިގަނޑު 15 ޕަސަންޓް ވަރު ފިހިފައިވާ ކަމަށާއި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ފިހިފައި ހަށިގަނޑަށް ގެއްލުންވި ނަމަވެސް އަނެއްހެން އެ އަންހެން މީހާގެ ހާލު ސީރިއަސްއެއް ނޫން،" މައުލޫމާތު ދިން މީހާ ބުނެފައިވެ އެވެ.

ގދ. ރަތަފަންދޫ ގެއެއްގައި ގޭސްފުޅިއެއް ގޮވައި މިމަހުގެ 18 ވަނަ ދުވަހު އަންހެނަކު މަރުވެފައިވެ އެވެ.