އައިޝަތު ފަރިޔާލް

ކުޅުދުއްފުށީ ހޮސްޕިޓަލަށް ޑިމާންޑްތަކެއް، މައްސަލަ އެޗްއާރްސީއެމަށް!

އައިޝަތު ފަރިޔާލްގެ މަރަށް ފަހު، ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ހިދުމަތްތަކާމެދު ކަންބޮޑުވުން ފާޅުކޮށް އެ ހޮސްޕިޓަލްގައި މުޒާހަރާ ކުރި މީހުން ހޮސްޕިޓަލަށް ޑިމާންޑްތަކެއް ހުށަހަޅައި، އެ ހޮސްޕިޓަލްގެ މައްސަލަތައް ހިއުމަންރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަށް ހުށަހަޅައިފި އެވެ.

ރީޖަނަލް ހޮސްޕިޓަލްގެ މައްސަލާގައި ކުޅުދުއްފުށީގައި ގިނަ އަދަދެއްގެ ބަޔަކު މުޒާހަރާ ފެށީ އިއްޔެ އެވެ. ރޭ ދަންވަރު މުޒާހަރާ ނިންމާލި ނަމަވެސް އެމީހުން ހޮސްޕިޓަލް ދޫކޮށް ގޮސްފައި ވަނީ ޑިމާންޑްތަކެއް ހުށަހަޅާފަ އެވެ.

މުޒާހަރާ އިންތިޒާމް ކުރި މީހުންގެ ތެރެއިން އިސް އެކަކު، މިއަދު ބުނީ އެ މީހުން ހުށަހެޅި ޑިމާންޑްތަކުގެ ތެރޭގައި ފަރިޔާލްގެ ސިޒޭރިއަން ހެދި މިސްރަށް ނިސްބަތްވާ ޑރ. ލުއިސް އާއި ދެން މަސައްކަތް ކުރާ އިންޑިއާގެ ޑރ. ރާއޯ އެރަށުން ބޭރުކޮށް ހޮސްޕިޓަލުގެ ޒިންމާދާރުވެރިޔާ މުހައްމަދު ހަސަނާއި މެނޭޖަރ އިބްރާހިމް ވަހީދު މަގާމުން އިސްތިއުފާ ދެއްވުން ހިމެނޭ ކަމަށެވެ.

މީގެ އިތުރުން ފަރިޔާލްގެ މައްސަލަ ތަހުގީގު ކުރަން ހެލްތް މިނިސްޓްރީގެ ޓީމެއް އެރަށަށް ގޮސް ތަހުގީގެއް ކުރުމުގެ އިތުރުން އެ މައްސަލަ އާއި ބެހޭގޮތުން ހޮސްޕިޓަލުން ސްޓޭޓް މެންޓެއް ނެރުން ވެސް ޑިމާންޑްތަކުގެ ތެރޭގައި ހިމެނެ އެވެ.

"އަޅުގަނޑުމެން ޑިމާންޑްކުރިން ވީ އެންމެ އަވަހަކަށް މިއަދުވެސް ޑރ. ލުއިސް އާއި ޑރ. ރާއޯ މިރަށުން ބޭރުކުރަން. އެކަމަކު ހޮސްޕިޓަލުން ބުނީ ހެލްތް މިނިސްޓްރީން ކަނޑައަޅާފައިވާ ޕްރޮސީޖާ [އުސޫލެއްގެ] ދަށުންނޭ އެކަން ކުރެވޭނީ. އެހެންވީމަ އެކަމަށް 48 ގަޑިއިރުގެ މުހުލަތެއް [އަޅުގަނޑުމެން] ދީފައިވާނެ. އަދި ފަރިޔާލްގެ މައްސަލަ އާއި ބެހޭގޮތުން ސްޓޭޓްމެންޓެއް ނެރެން 24 ގަޑިއިރުގެ މުހުލަތެއް ދީފައިވާނެ،" މުޒާހަރާ ކުރި މީހުންގެ ފަރާތުން ވާހަކަ ދައްކާ މީހާ ބުންޏެވެ.

މުޒާހަރާ ކުރި މީހުންގެ ޑިމާންޑްތަކާ ބެހޭ ގޮތުން ހޮސްޕިޓަލުގެ ބަހެއް ލިބޭތޯ އަވަސް އިން މަސައްކަތް ކުރި އެވެ. ނަމަވެސް އެކަން ކާމިޔާބުވާ ގޮތެއް ނުވި އެވެ. އެޗްއާރްސީއެމުން މިއަދު ބުނީ އެ މައްސަލަ ހުށަހެޅި އިރުވެސް ފަރިޔާލްގެ މައްސަލަ އެ ކޮމިޝަނުން އިސްވެ ބަލަމުން އަންނަ ކަމަށެވެ.

ހޮސްޕިޓަލުގެ މައްސަލާގައި ޑިމާންޑްތަކެއް ކުރި އިރު އެ ހޮސްޕިޓަލްގެ މައްސަލަ އެޗްއާރްސީއެމަށް ގެންދިޔައީ އެތާނގައި އިންސާނިއްޔަތާއި ހިލާފު ކަންތައްތަކެއް ހިންގާފައިވާ ކަމަށް ބުނެ އެވެ.

އެކަމުގައި އިސްވެ އުޅުނު އެކަކު ބުނީ އެމައްސަލަ އެޗްއާރްސީއެމަށް ހުށަހެޅީ ޑރ. ލުއިސް އަކީ ގައިނޮކޮލޮޖިސްޓެއް ނޫން ކަމަށް ހަބަރުތައް ފެތުރިފައިވާތީ، އޭނާއަކީ އެފަދަ ޑޮކްޓަރެއް ކަމުގައި ނުވެ ހުރެ، ގައިނޮކޮލިޖިސްޓެއްގެ ވަޒީފާ އޭނާ އަދާކުރަނީ ކޮންބައެއްގެ އިހުމާލުންތޯ ބަލަން ކަމަށެވެ.

"އަޅުގަނޑުމެން ބޭނުން ގައިނޮކޮލިޖިސްޓަކަށް ނުވެ ހުރެ ލުއިސް ދެ އަހަރު، ތިން އަހަރު މި ހޮސްޕިޓަލުގެ [ގައިނަކޮލޮޖިސްޓެއްގެ ގޮތުގައި] ހޭދަކުރީ ކޮންބައެއްގެ އިހުމާލުންތޯ ބަލަން. އެހެންވެ އެޗްއާރްސީއެމަށް މައްސަލަ ހުށަހެޅީ. އެޗްއާރްސީއެމުން ވަނީ މައްސަލަ ބަލައިވެސް ގަނެފައި،" ކުރިން ނޫސްވެރިކަމުގެ ދާއިރާގައި ވެސް މަސައްކަތް ކުރި އެމީހާ ބުންޏެވެ.

ފަރިޔާލްގެ މަރުގެ ހާދިސާއަށްފަހު ހޮސްޕިޓަލާއި ޑރ. ލުއިސްގެ ތަފާތު މައްސަލަތައް ވަނީ ފެންމަތިކޮށްފަ އެވެ. އަދި އެ ހާދިސާއަށްފަހު ލުއިސް ސަސްޕެންޑްކޮށް މިހާރު ވަނީ މަސައްކަތުން އެކަހެރިކޮށް މައްސަލައިގެ ތަހުގީގެއް ފަށާފައެވެ.

މިއަހަރުގެ ފުރަތަމަ 10 ދުވަސް ނިމުނު އިރު ފަރިޔާލްގެ މަރާއެކު ރާއްޖޭގައި ވަނީ ހިތާމަވެރި ގޮތަކަށް މަރުގެ ދެ ހާދިސާއެއް ހިނގާފައެވެ.