ވިޔަފާރި

ގުޅީފަޅު ތަރައްގީގެ މަސައްކަތްތައް ޓޫރިޒަމް މިނިސްޓްރީ ދަށަށް

  • ގުޅީފަޅުން ގިނަ ބަޔަކު ވަނީ ފްލެޓް ދީފަ
  • ފްލެޓް ލިބުނު މީހުންގެ ޝަކުވާ ބޮޑު

ގުޅީފަޅު ތަރައްގީ ކުރުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒު މިހެން ވިދާޅުވި އިރު މީގެ ކުރިން ގުޅީފަޅު ތަރައްގީ ކުރުމުގެ މަސައްކަތާއި ހަވާލުވެ ހުންނެވީ ހައުސިން މިނިސްޓްރީ އިންނެވެ. އަދި އެތަނުގެ ތަރައްގީގެ މަޝްރޫއު ވަރަށް އަވަހަށް އާންމު ކުރާނެ ކަމަށް ވެސް މިދިޔަ އަހަރު ނޮވެމްބަރު މަހު މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

ގުޅީފަޅު ތަރައްގީގެ މަޝްރޫއުތަކާއި ބެހޭގޮތުން "އަވަސް" އާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ގުޅީފަޅު ތަރައްގީގެ މަޝްރޫއާ މިހާރު ހަވާލުކޮށްފައިވާނީ ޓޫރިޒަމް މިނިސްޓްރީއާ ކަމަށާއި ނަމަވެސް ހައުސިން މިނިސްޓްރީ ހަވާލުވެފައިވާ މަސައްކަތަކީ އެ ތަނުގެ ފްލެޓްތަކަށް ލާރި ނަގައިފައި ހުރި ފަރާތްތަކަށް ގެދޮރު ހޯދައި ދިނުން ކަމަށެވެ.

"އޯވަރޯލް ތަރައްގީގެ ޕްލޭން ކުރިޔަށް ގެންދަނީ ޓޫރިޒަމް މިނިސްޓްރީގެ ދަށުން. އަޅުގަނޑުގެ ދަށުން ހިނގާ މަސައްކަތަކީ އެފަރާތް ތަކަށް ގެދޮރު ހޯދުމުގެ މަސައްކަތް. ދެން އެ ފަރާތްތަކަށް ގެދޮރު، ފްލެޓް ލިބުމުގެ މަޝްވަރާތައް މިހާރު ވެސް ދަނީ ކުރިޔަށް. އިރާދަކުރެއްވީޔާ ވަރަށް އަވަހަށް ނިމޭނެ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު މީގެ ކުރިން ވިދާޅުވެފައި ވަނީ ގުޅީފަޅު އޮންނާނީ ލައިޓް އިންޑަސްޓްރިއަލް ޒޯނެއްގެ ގޮތުގައި ކަމަށާއި އެތަން ތަރައްގީވެގެން އަންނަ އިރު މާލޭގެ ބަނދަރުގައި އަޅާ ލޯންްޗްފަހަރާއި ޔޮޓް ފަދަ އުޅަނދު އަޅާ ބަންކަރިންއެއް ވެސް ހަދާނެ ކަމަށެވެ. އަދި ޓޫރިޒަމާ ގުޅުން ހުރި ބައެއް މަސައްކަތްތައް ވެސް އެތަނުގައި ހިނގުން އެކަށީގެންވާ ކަމަށް މިނިސްޓްރ ވަނީ ވިދާޅުވެފަ އެވެ.

ގުޅީފަޅަކީ 2010 ވަނަ އަހަރު އިންޑިއާގެ ގްލޯބަލް ޕްރޮޖެކްޓްސް ޑިވެލޮޕްމަންޓް (ޖީޑީޕީ) ކުންފުންޏާއި ހަވާލުކޮށްގެން ހިއްކާގެން އެއަށް ފަހު މީހުން ދިރުއުޅުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރުން ނިންމެވި ތަނެކެވެ. ގުޅީފަޅު ފްލެޓުތަކަށް އެކުންފުނިން ވަނީ 200 އެއްހާ މީހުން އަތުން ރުފިޔާ ވެސް ނަގައިފަ އެވެ. ނަމަވެސް އެކަން ހުއްޓުމަކަށް އައިފަހުން ބައެއް ފަރާތްތަކަށް ރުފިޔާ ވެސް ވަނީ އަނބުރާ ނުލިބިގެން ދަނީ ޝަކުވާ ކުރަމުންނެވެ.