ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް މާލެ ވަޑައިގެންފި

Aug 29, 2022

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މ. އަތޮޅުގެ ފަސްރަށަކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު ހެނދުނު މާލެ ވަޑައިގެންފި އެވެ.

ރައީސްގެ މިދަތުރުފުޅުގައި މިދިޔަ ހޮނިހިރު ދުވަހު އެންމެ ފުރަތަމަ ވަޑައިގެންނެވީ މ. ރަތްމަންދޫ އަށެވެ. އޭގެފަހުން މަޑުއްވަރީ އާއި ދިއްގަރަށް އެދުވަހު ވަޑައިގެންނެވި އެވެ. އަދި އިއްޔެ އެންމެ ފުރަތަމަ ވޭވަށަށް ވަޑައިގަތުމަށްފަހު ދަތުރުފުޅުގެ ފަހު ރަށެއްގެ ގޮތުގައި ވަޑައިގަތީ މ. އަތޮޅުގައި ވެރިކަން ކުރާ މ. މުއްޔަށެވެ.

މިދަތުރުފުޅުގައި ރަށްރަށުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާއި އަދި ބައެއް ރަށްރަށުގެ ރައްޔިތުންނާ ވެސް ރައީސް ސޯލިހް ބައްދަލުކުރެއްވެވި އެވެ.

މ. އަތޮޅުގެ ރަށްރަށުގައި ކުރިއަށް ގެންދާ އުމުރާނީ ތަރައްގީގެ މަޝްރޫއުތަކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތްވެސް ރައީސް ބައްލަވާލެއްވެވި އެވެ.

މީގެ އިތުރުން ވޭވަށުގެ ބަނދަރާއި އެރަށުގައި އަލަށް އިމާރާތްކުރި އިންޖީނުގެއާއި އިންޖީނުގޭގެ އޮފީސް ހުޅުއްވައި ދެއްވައި، ދިއްގަރުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ދިއްގަރުގެ ވޮލީކޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި، ވޮލީ ކޯޓު ހުޅުވުމުގެ ގޮތުން ދިއްގަރު ވެޓެރެންސް ވޮލީ ޓީމާއި މޯލްޑިވްސް ވެޓެރެންސް ވޮލީ ޓީމު ބައްދަލުކުރި މެޗުގައި ބައިވެރިވެވަޑައިގެން މޯލްޑިވްސް ވެޓެރެންސް ޓީމަށް ރައީސް ސޯލިހް ވަނީ ކުޅުއްވާފަ އެވެ.

ރައީސް ސޯލިހް މ. އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.