ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

އަދީބުގެ ރިޝްވަތުގެ މައްސަލަ މި ހަފުތާ ކޯޓަށް ފޮނުވާނެ: ޕީޖީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ގަފޫރުގެ ރިޝްވަތުގެ މައްސަލަ މި ހަފުތާ ތެރޭގައި ކްރިމިނަލް ކޯޓަށް ފޮނުވޭވަރުވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުގެ އިންފޮމޭޝަން އޮފިސަރު އާދަމް އާރިފު "އަވަސް"އަށް ވިދާޅުވީ، އަދީބުގެ ރިޝްވަތުގެ މައްސަލާގައި ކުރަންޖެހޭ ދިރާސާތައް ކުރެވެމުންދާ ކަމަށާއި ދިރާސާތައް މި ހަފުތާ ތެރޭ ނިންމާލެވި މައްސަލަ ކޯޓަށް ހުށަހެޅޭނެ ކަމަށެވެ. އާރިފު ވިދާޅުވީ، އަދީބުގެ ރިޝްވަތުގެ މައްސަލަ ޕީޖީއަށް ހުށަހަޅާފައިވާއިރު އަދީބުގެ އަތުން ރިޝްވަތު ނެގި ފަރާތްތަކުގެ މައްސަލަ އެ އޮފީހަށް ހުށަހަޅާފައިނުވާ ކަމަށެވެ.

ފުލުހުން ތުހުމަތުކޮށްފައި ވަނީ އިންޓެލިޖެންސް ރިޕޯޓްތަކެއް ހޯދުމަށް އަދީބު ފުލުހުންގެ ދެ އިންޓެލް އޮފިސަރަކަށް ރިޝްވަތު ދިން މައްސަލަ އެވެ. މީގެ އިތުރުން ފުލުހުންގެ އެކި ލެވަލްތަކުގެ މީހުންނަށް ރިޝްވަތު ދިން ކަމަށް ވެސް ތުހުމަތު ކުރެވެ އެވެ. އަދީބުގެ އެޕާޓްމަންޓަކުން ފުލުހުންގެ އިންޓެލް ރިޕޯޓްތަކަކާއި އެހެން ވެސް ލިޔެކިޔުންތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އެމްއެމްޕީއާރުސީހެ ހިޔާނާތުގެ މައްސަލައިގައި ވެސް އަދީބުގެ މައްޗަށް ވަނީ ދައުވާ އުފުލައިފަ އެވެ. އަދި މީގެ އިތުރަށް އަދީބުގެ އެޕާޓްމަންޓުން ފިސްތޯލައެއް ފެނުނު ކަމަށް ބުނާ މައްސަލައިގައި ވެސް އަންނަނީ ޓެރަރިޒަމްގެ ދައުވާ އަދީބުގެ މައްޗަށް ކުރަމުންނެވެ.

އަދީބުގެ ގެއިން ފިސްތޯލައެއް ފެނުނު ކަމަށް ބުނާ މައްސަލާގެ ޝަރީއަތް އިއްޔެ ކްރިމިނަލް ކޯޓުގައި ފަށާފައިވާއިރު ވަކީލަކު ހަމަޖެއްސުމަށް އަދީބަށް ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ. އެ މައްސަލާގެ އަޑުއެހުމެއް ދެން އޮންނާނީ އަންނަ މަހު 15 ގައެވެ. ހިޔާނާތުގެ މައްސަލާގެ ޝަރީއަތް ވެސް ވަނީ މިދިޔަ ޑިސެމްބަރު މަހު ފަށާފައެވެ. އެ މައްސަލާގައި އަދީބަށް ވަކީލަކު ހަމަޖެއްސުމަށް ދީފައިވަނީ 30 ދުވަހެވެ.