ރަޝިޔާ

ނޯޑް ސްޓްރީމް މަރާމާތަށް ބަންދުކުރަނީ

ރަޝިއާއިން ޔޫރަޕަށް ތެޔޮ ފޮނުވާ ހޮޅިތައް -- ނޯޑް ސްޓްރީމް 1، މަރާމާތަށް ތިން ދުވަހަށް ބަންދުކުރާނެ ކަމަށް ބެލެނިރި ކުންފުނި، ގޭސްޕްރޮމް އިން ބުނެފި އެވެ.

ގޭސްޕްރޮމް އިން ބުނާ ގޮތުން ނޯޑް ސްޓްރީމް 1 ބަންދުކުރުމުން ރަޝިއާ އިން ޖަރުމަނަށް ތެޔޮ ފޮނުވުން އޮގަސްޓް 31 އިން ސެޕްޓެމްބަރު 3 އަށް މުޅިން ހުއްޓޭނެ އެވެ.

މަރާމާތަށް ކުރަން ހުރި މަސައްކަތްތައް ނިމޭހާ އަވަހަށް ތެޔޮ ފޮނުވުން އަލުން ފަށާނެ ކަމަށް ވެސް ގޭސްޕްރޮމް އިން ބުނެ އެވެ. އަދި ކުރިން ފޮނުވި މިންވަރަށް، ދުވާލަކު 33 މިލިއަން ކުބިކް މީޓަރުގެ ތެޔޮ ޖަރުމަނަށް ފޮނުވާނެ އެވެ.

ގޭސްޕްރޮމް ބުނާ ގޮތުން ދުވާލަކު 33 މިލިއަން ކުބިކް މީޓަރަކީ ނޯޑް ސްޓްރީމް ހޮޅިތަކުން ފުލްކޮށް ފޮނުވާ ވަރުގެ 20 ޕަސެންޓެވެ.

ރަޝިއާ ސިފައިން ޔުކްރޭނަށް ދެމުން ގެންދާ ހަމަލާތަކުގެ ސަބަބުން ހުޅަނގުން ވަނީ ރަޝިއާގެ ތެޔޮ ބޭނުންކުރުން ހުއްޓާލާފަ އެވެ.

އެހެން ނަމަވެސް، ޔޫރަޕްގެ ބައެއް ގައުމުތަށް ހަކަތައަށް ޖެހިދާނެ ކަމަށް ބިރުން ރަޝިއާ އިން ކޮންމެވެސް ވަރަކަށް ތެޔޮ ގަނެ އެވެ.

ގޭސްޕްރޮން އިން ބުނާ ގޮތުން ރަޝިއާއާ ދެކޮޅަށް އަޅާފައި ހުރި ފިޔަވަޅުތަކުގެ ސަބަބުން ނޯޑް ސްޓްރީމް ޕަންޕުތައް މަރާމާތުކުރަން ބޭނުންވާ ސާމާނު މިހާރަކު ނުލިބެ އެވެ. މަރާމާތަށް ބަންދުކުރަން ޖެހޭ ވަގުތު އިތުރުވަނީ އެހެންވެ ކަމަށްވެސް ވަނީ ބުނެފަ އެވެ.

ނޯޑް ސްޓްރީމް 1 މުޅިން ބަންދު ކުރުމަކީ ޖަރުމަނު އެދޭ ގޮތެއް ވެސް ނޫނެވެ. އެއީ އެ ނޫން މާނައެއްގައި ޖަރުމަނަށް ތެޔޮ ލިބޭނެ ސަހަލު ގޮތެއް ނެތުމެވެ.

ޔޫރަޕަށް ފިނި މޫސުން އަންނައިރު -- ޑިސެމްބަރުން ފެބްރުއަރީ އަށް، ގައުމުތައް ހޫނުކޮށްފައި ބޭއްވުމަށް ބޭނުންވާ ތެޔޮ ލިބޭނެ ގޮތް ނެތުން ވަނީ ބިރުވެރި ކަމަކަށް ވެފަ އެވެ.

އެކަށިގެންވާ ވަރަށް ތެޔޮ ނުލިބިއްޖެ ނަމަ އެވާނީ ހުޅަނގުން އަމިއްލައަށް ފޭހުނު އިލޮށި އެ މީހުންގެ އަމިއްލަ ލޮލަށް ހެރުން ކަމަށެވެ.