ރައްޔިތުންގެ މަޖިލިސް

ހަރުކަށި ފިކުރު ހުއްޓުވަން ހާއްސަ ފައުޖެއް އުފައްދަން ހުށަހަޅައިފި

Aug 31, 2022
3

ހަރުކަށި ފިކުރު ހުއްޓުވަން ސަލާމަތީ ބާރުތައް ހިމެނޭ ގޮތަށް ހާއްސަ ފައުޖެއް އުފައްދަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މި ހުށަހެޅުން ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުމާ ގުޅޭގޮތުން އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ވަހީދު ހުށަހެޅުއްވި މައްސަލައިގަ އެވެ.

ވަހީދު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ ހަރުކަށި ފިކުރުގެ އަމަލުތައް ފުޅާކުރުމުގެ މަސައްކަތް ވަކި ހާއްސަ އިންތިޒާމުތަކެއްގެ ތެރެއިން ކުރިއަށްދާ ކަމަށް ކަމާ ގުޅޭ މުއައްސަސާތަކާއި ރިޔާސީ ކޮމިޝަނުންތަކުން މިހާތަނަށް އެއްކޮށްފައިވާ މައުލޫމާތުން އެނގޭ ކަމަށެވެ. އެކަމު ހަރުކަށި ފިކުރަށް ތުހުމަތުކުރެވޭ މީހުންނަށް ފިޔަވަޅު އެޅުމަށް މުއައްސަސާތައް ފަހަތު ފަޔަށް ބުރަވެފައިވާ ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.

ހަރުކަށި ފިކުރު ފެތުރުން ހުއްޓުވާ އެފަދަ ނުރައްކާތެރި އަމަލުތަކުން ރައްޔިތުން ސަލާމަތް ކުރުމަށްޓަކައި ފުލުހުންނާއި ސިފައިން އަދި ސަލާމަތީ ކަންކަމާ ގުޅޭ އިދާރާތައް ހިމެނޭ ގޮތަށް ހާއްސަ ކޮމާންޑެއްގެ ދަށުން ހާއްސަ ފައުޖެއް އުފެއްދުމަށްވެސް މައްސަލައިގައި އެދިފައިވެ އެވެ.

މީގެއިތުރުން ބައެއް އިތުރު ކަންކަން ކުރުމަށްވެސް ސަރުކާރަށް ހުށަހަޅާފައިވެ އެވެ. އެގޮތުން މީހުންގެ މުދަލާއި ފުރާނައަށް ގެއްލުން ދީފާނެ ކަމަށް ކަމަށް ފެންނަ މީހުން އެކަހެރިކޮށް ރިހިބިލިޓޭޓް ކުރުމާއި މިސްކިތްތަކާއި ތައުލީމު ދޭ ތަންތަން ބެލެހެއްޓުން ވަރުގަދަކުރުމާއި، ދީނީ ތައުލީމާއި ދީނީ ނަސޭހަތް ދިނުމުގެ ކަންކަން ކުރިއަށް ދަނީ ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިން އިއްތިފާގުވާ މެދުމިނުގެ އުސޫލުންތޯ ޔަގީންކުރުމަށްވެސް ހުށަހަޅާފައިވެ އެވެ.

ހަރުކަށި ފިކުރު ރާއްޖޭގައި އޮތް މިންވަރު ހާމަކޮށްދިނުމުގެ ގޮތުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މީގެކުރިން ދެއްކެވި ބައެއް ވާހަކަތައް ވެސް މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން ދީނުގެ ނަމުގައި ހައްދުފަހަނަޅާފައިވާ އަދި މީހުން މަރަން ފަސް ނުޖެހޭ 1400 އަށް ވުރެ ގިނަ ދިވެހިން ތިބި ކަމަށް ސީޕީ ހަމީދާ ހަވާލާދީ މައްސަލައިގައި ބުނެފައިވާ ކަމަށެވެ. އަދި މިމަހުގެ 22 ވަނަ ދުވަހު އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހަށް ހަމަލާދިނީ ސަރުކާރުގެ ވެރިޔަކަށް ވީތީ ހަރުކަށި ފިކުރުގެ މީހެއް ކަމަށްވެސް މައްސަލައިގައި ތުހުމަތުކޮށްފައިވެ އެވެ.

ވަހީދު ހުށަހެޅުއްވި މައްސަލައަށް ތާއީދުކުރައްވާ މަޖިލީހުގެ ގިނަ މެންބަރުން ވާހަކަދެއްކެވި އެވެ. ހަރުކަށި ފިކުރު ރާއްޖޭގައި ކަންބޮޑުވާން މިންވަރަށް ފުޅާކޮށްފައިވާ ކަމަށާއި އެމައްސަލަ ހައްލުކުރަން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށްވެސް މެންބަރުންގެ ވާހަކަތަކުގައި ފާހަގަކުރައްވާފައިވެ އެވެ.

ވަހީދު ހުށަހެޅުއްވި މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސްކުރުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް ރިޔާސަތުން ހުޅުވާލުމުން އެ މައްސަލަ މަޖިލީހަށް ބަލައިގަތީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 25 މެމްބަރުންގެ އިއްތިފާގުންނެވެ.