ރައްޔިތުންގެ މަޖިލިސް

އިތުރު ހަ ގައުމަކަށް ޝާން އައްޔަންކުރަން ރުހުން ދީފި

Aug 31, 2022
2

ޖަރުމަންގައި ހުންނަވާ ދިވެހި ސަފީރު އައިޝަތު ޝާން ޝާކިރު، ނޮން ރެސިޑެންޓް ސަފީރެއްގެ ގޮތުގައި ހަ ގައުމަކަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

ޝާން އަށް ރުހުން ދިނުމާ މެދު މަޖިލީހުން ނިންމަވާ ގޮތެއް އަންގަވައިދެއްވުން އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ޝާންގެ ނަން މަޖިލީހަށް ހުށަހެޅުއްވީ މިމަހުގެ 18 ވަނަ ދުވަހު އެވެ.

މައްސަލަ ދިރާސާކުރި މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ނިންމައިފި އެވެ.

މަޖިލީހުގެ ރިޔާސަތުން އެ ދުވަހު މިމައްސަލަ ދިރާސާކުރަން ފޮނުވީ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީ އަށެވެ. ކޮމިޓީގެ އަގުލަބިއްޔަތުން ވެސް ނިންމާފައި އޮތީ ޝާން އަށް ރުހުން ދިނުމަށެވެ.

ކޮމިޓީގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅައި ޝާން އަށް ރުހުން ދިނުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް ރިޔާސަތުން ފުރުސަތު ހުޅުވާލުމުން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 49 މެންބަރުންގެ އިއްތިފާގުން ނިންމެވީ ޝާން އަށް ރުހުން ދިނުމަށެވެ.

ނޮން ރެސިޑެންޓް ސަފީރެއްގެ ގޮތުގައި ޝާން އައްޔަންކުރަން ނިންމަވާފައިވަނީ ރަޝިއާ، ފިންލެންޑް، ސްވިޑަން، ނޯވޭ، ޑެންމާކް އަދި ޔުކްރޭނަށެވެ.

ނޮން ރެސިޑެންޓް ސަފީރެއްގެ ގޮތުގައި ޝާން މަސައްކަތް ކުރައްވާނީ ޖަރުމަންގައި ހުންނަވައިގެންނެވެ.

އާންމު ގޮތެއްގައި ނޮން ރެސިޑެންޓް ސަފީރުން އައްޔަންކުރަނީ އެމްބަސީ ގާއިމުކޮށްފައި ނުހުންނަ ގައުމުތަކަށެވެ.

ޖަރުމަންގައި ހުންނަވާ ސަފީރު ކަމަށް ޝާން އައްޔަންކުރަން މަޖިލީހުން ރުހުން ދިނީ މިއަހަރު މެއި 24 ވަނަ ދުވަހު އެވެ. ޖަރުމަން ސަފީރު ކަމަށް އައްޔަންކުރައްވާ ޝާން އަށް މަގާމުގެ ލިޔުން ހަވާލުކުރެއްވީ މިދިޔަ ޖުލައި 20 ވަނަ ދުވަހު އެވެ.

ޖަރުމަން ސަފީރުކަމަށް އައްޔަންކުރެއްވުމުގެ ކުރިން ޝާން ހުންނެވީ ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމުގަ އެެވެ.