ހަބަރު

ޕީޕީއެމަށް ނައިބު ރައީސެއް ހޮވަން މަޝްވަރާކުރަން ފަށައިފި

ޕްރޮގްރެސިޕް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ލީޑަޝިޕްގައި ހުސްވެފައިވާ ނައިބު ރައީސްގެ މަގާމަށް ބޭފުޅަކު ހޮވަން އެޕާޓީގެ ކައުންސިލުން މަޝްވަރާކުރަމުން އަންނަ ކަމަށް އެ ޕާޓީން ބުނެފި އެވެ.

ޕީޕީއެމްގެ ނައިބު ރައިސްގެ މަގާމް ހުސްވެފައިވަނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ޕާޓީން ވަކި ކުރުމުންނެވެ.

މިއަދު ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޕާޓީގެ ނައިބު ލީޑަރު އަބުދުއްރަހީމް އަބްދުﷲ ވިދާޅުވީ ކައުންސިލްގެ ދެން ބާއްވާ ބައްދަލުވުމެއްގައި ޕާޓީއަށް ނައިބު ރައީސެއް ހޮވުމާމެދު ގޮތެއް ނިންމާނެ ކަމަށެވެ. އަދި މި ބައްދަލުވުން 21 ވަނަ ދުވަހުގެ ރޭ ބާއްވާ ބޮޑު ޖަލްސާގެ ކުރިން ބާއްވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބެއް އައްޔަނު ކުރުމާއި ބެހޭގޮތުން ޕީޕީއެމުން ބުނީ ނައިބު ރައީސް އައްޔަން ކުރެއްވުމަކީ ރައީސަށް އިހްތިޔާރު ލިބިގެންވާ ކަމެއް ކަމަށެވެ. އަދި އެހެން ކަމުން ޕާޓީގެ ލެވަލްގައި އެކަމުގައި މަޝްވަރާ ނުކުރާ ކަމަށް ވެސް ބުންޏެވެ.

އެ ޕްރެސްގައި އެ ޕާޓީގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ވިދާޅުވީ، ގާނޫނު އަސާސީގައި ހުރި ނައިބު ރައީސްއާ ގުޅޭ މާއްދާއަށް ބަދަލު ގެންނަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި ނައިބު ރައީސް އަކީ ރައީސްއަށް އެހީތެރިވެދޭ ބޭފުޅަކަށް ވާ އިރު، ރައީސްއަށް އިހުލާސްތެރި ނުވާނަމަ ފަސޭހައިން ނައިބު ރައީސް ވަކި ކުރެވޭނެ ގޮތަށް އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށް ވިދާޅުވި އެވެ. އެހެން ނަމަވެސް ޕީޕީއެމްގެ ވިސްނުން އޮތީ އެހާ އަވަސްއަވަހަށް ގާނޫނު އަސާސީއަށް ބަދަލުތައް ނުގެނައުން ކަމަށް ވެސް ވިދާޅުވި އެވެ.