ލައިފްސްޓައިލް

ގެނބެމުންދިޔަ ދެ ފިރިހެނަކު ސަލާމަތްކުރީ ޒުވާން މަންމައެއް!

ތުއްތު ދަރިފުޅު ގޮވައިގެން ހުރި މަންމައަކު ދަރިފުޅު ބާއްވާފައި އޮއިދެމޭ ކޯރަކަށް ފުންމާލައި ގެނބެމުން ދިޔަ ދެ ފިރިހެނުންގެ ތެރެއިން އެކަކު ސަލާމަތްކޮށްފި އެވެ.

އިންޑިއާގެ މަދްޔަ ޕްރަދޭޝްގެ ބޯޕާލްގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގި މި ހާދިސާގައި އަންހެންމީހާގެ މަސައްކަތުން ގެނބުނު އެކަކު ސަލާމަތް ކުރިއިރު އަނެއް މީހާ ވަނީ މަރުވެފަ އެވެ.

އުމުރުން 32 އަހަރުގެ ރަބީނާ ކަންޖަރު ކޯރަށް ފުންމާލީ އޭނާ އުރައިގެން ހުރި އަށް މަހުގެ ތުއްތު ދަރިފުޅު ބިންމަތީގައި ބާއްވާފަ އެވެ. އަދި ރަބީނާގެ ހިތްވަރުން ގެނބުނު އެކަކު ސަލާމަތް ވެސް ކުރި އެވެ.

މި ސަރަހައްދުގެ ފުލުހުން ވަނީ ރަބީނާގެ މި ދެއްކި ހިތްވަރުގެ އަގު ވަޒަންކޮށް އޭނާއަށް ފައިސާގެ އިނާމެއް ވެސް ދީފަ އެވެ.

ޓައިމްސް އޮފް އިންޑިއާގައިވާ މި ހަބަރުގައި ބުނެފައިވާ ގޮތުގައި ދެ އަވަށެއްގެ ދޭތެރޭގައި އޮތް އޮއިދެމޭ ކޯރަކަށް އެރުނު ދެ ފިރިހެނަކު ގެނބެމުން ދިޔަ މަންޒަރު ބަލަން ގިނަ އަދަދެއްގެ ފިރިހެނުން ވެސް ތިއްބެވެ.

"މަންޒަރު ބަލަން ތިބި ފިރިހެނުންތަކުގެ ތެރެއިން އެންމެ މީހަކު އަހަންނަށް އެހީތެރިވި ނަމަވެސް ދެ މީހުން ސަލާމަތް ކުރެވުނީސް،" ރަބީނާ ބުންޏެވެ.

ގެނބުނު ދެ މީހުންގެ ތެރެއިން ރަބީނާ ސަލާމަތްކުރި މީހާ ނޫން އަނެއް މީހާގެ މަރުވެފައިވާ މަސްގަނޑު ފެނިފައިވަނީ ހާދިސާ ހިނގި ދުވަހުގެ އަނެއް ދުވަހު އެވެ. މި ދެ ފިރިހެނުންނަކީ ވެސް ދަނޑުވެރިންނެވެ.

މި ހާދިސާގައި ގެނބުނު 25 އަހަރުގެ ރާޖޫ އާއި 23 އަހަރުގެ ޖިތެންދުރަ އަހިރްވަރް އެ ދުވަހު އެ އަވަށާ ޖެހިގެން އޮތް އަވަށަށް ދިޔައީ އެ އަވަށުގެ ދަނޑުތަކަށް ޕެސްޓިސައިޑް ސްޕްރޭ ކުރުމަށެވެ. އެމީހުން ދިޔައީ ކޯރަށް އެރިގެން ނަމަވެސް އެ ވަގުތު ކޯރުގެ އޮއިވަރު އެހާ ބާރެއް ނޫނެވެ.

ސްޕްރޭކޮށް ނިންމާފައި އެމީހުން އެނބުރި އަވަށަށް ދާން ކޯރު ކައިރިއަށް ދިޔައިރު ކޯރު އޮތީ ވާރޭ ވެހި ވަރަށް ބަންޑުންވާވަރު ވެފަ އެވެ. އަދި ކޯރުގެ އޮއިވެސް ވަރަށް ބާރެވެ. އެމީހުން ކޯރަށް ނޭރުމަށް އެކުވެރިންނާއި އަވަށްޓެރިން ވަރަށް އިލްތިމާސްކުރި އެވެ. ނަމަވެސް އެމީހުންނަށް ކޯރު ހުރަސްކޮށް އަމިއްލަ އަވަށަށް އެރިދާނެކަމުގެ ޔަގީންކަން އޮތުމުން ދެ މީހުން ކޯރަށް އެރުނީ އެވެ. އަދި ވަކި ހިސާބަކުން އޮއިބާރުވެ ދެ މީހުން ގެނބުނީ އެވެ.

ރާޖޫ އަކީ ކުރިންސުރެ ރަބީނާ ދަންނަ މީހެކެވެ. ދެ މީހުންނަކީ އެއް އަވަށުގެ މީހުންނަށް ވާތީ އެވެ. ގެނބެން ފެށުމުން ރާޖޫ "ދައްތާ، ދައްތާ! އެހީ ވެދޭށޭ" ކިޔާފައި ރަބީނާ އަށް ގޮވަން ފެށި އެވެ. އެއާއެކު ރަބީނާ އަށް މަންޒަރު ބަލަން ނުހުރެވިގެން ދަރިފުޅު ބިންމަތީގައި ބާއްވާފައި ކޯރަށް ފުންމާލީ އެވެ.

ރާޖޫ ސަލާމަތްކުރުމަށްފަހު ޖިތެންދުރަ ސަލާމަތް ކުރެވޭތޯ ވެސް ރަބީނާ މަސައްކަތް ކުރި އެވެ. ނަމަވެސް އެ މަސައްކަތް ކާމިޔާބުވާ ގޮތް ނުވީ އެވެ. ޖިތެންދުރަގެ މަރުވެފައިވާ ހަށިގަނޑު ފެނުނީ ޖެހިގެން އައި ދުވަހު އެވެ.