މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ލިބޭ ތަސައްލީއަކަށް ވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ މާލޭގައި މިއަދު މިނީ ބަހުގެ ހިދުމަތް ފެށުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގަ އެވެ.
ރައީސް ވިދާޅުވީ ވަށައިޖެހޭ އާންމު ދަތުރުފަތުރުގެ ނިޒާމެއްގެ ތެރެއިން މިނީ ބަހުގެ ހިދުމަތް ފެށިގެން ދިއުމަކީ މިނިޒާމު ފުރިހަމަކުރުމުގައި ލިބުނު ކުރިއެރުމެއް ކަމަށެވެ. ބައިބޯ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ލިބޭ ތަސައްލީއަކަށް މި ހިދުމަތްވެ އިތުރަށް ތަރައްގީވެގެންދާނެ ކަމުގައިވެސް ވިދާޅުވި އެވެ.
މާލޭގައި މިނީ ބަހުގެ ހިދުމަތް ދިނުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު 100 ދުވަހުގެ ތެރޭގައި ކުރަން ނިންމެވި ކަންކަމުގެ ތެރޭގައި ހިމެނޭ ރިޔާސީ ވައުދެކެވެ.
މިނީ ބަހުގެ ހިދުމަތް ފެށުމަށް އެމްޓީސީސީއާއި ޓްރާންސްޕޯޓް މިނިސްޓްރީއާ ދެމެދު 2019 ވަނަ އަހަރުގެ ތެރޭގައި އެއްބަސްވުމެއްގައި ސޮއި ކޮށްފައިވެ އެވެ. އެކަމަކު މިނީ ބަހުގެ ހިދުމަތް ފެށިގެން މިދިޔައީ އެމަނިކުފާނުގެ ވެރިކަމަށް ހަތަރު އަހަރުވާން ގާތްވެފައި ވަނިކޮށެވެ.
މިނީ ބަސްތައް މާލޭގެ ތިން ރޫޓަކުން ދަތުރުކުރާނެ އެވެ. އެއީ އެއީ އަމީނީ ރޫޓާއި، ސޯސަން ރޫޓާއި އޯކިޑް ރޫޓެވެ. ބަހުގެ ހިދުމަތް ހަފްތާގެ ހުރިހާ ދުވަހަކު ހެނދުނު 5:45 އިން ރޭގަނޑު 12:15 އަށް ލިބޭނެ އެވެ.
މިނީ ބަހުގެ ދަތުރުތައް އިންތިޒާމުކޮށްފައިވަނީ މާލޭގެ ހަތަރު އަވަށް ކަވަރުކުރެވޭ ގޮތަށެވެ. ބަސް ދަތުރުކުރާ ރޫޓުތަކުގައި ޖުމްލަ 40 ބަސް ސްޓޮޕް ހަދާފައިވާއިރު ކޮންމެ ސްޓޮޕަކަށް ކޮންމެ 15 މިނެޓަކުން ބަސް ގާތްކުރާނެ އެވެ.

މާލޭގައި ބަހުގެ ހިދުމަތް ދިނުމަށް 18 ބަސް ބޭނުންކުރާއިރު، އަށް ބަހަކީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އަރާ ފޭބޭ ގޮތަށް ރޭމްޕާއި ފުރޮޅުލީ ގޮނޑިއަށް ހާއްސަ ޖާގަތަކެއް ހަދާފައިވާ ބަސްތަކެކެވެ. ހާއްސަ އެހީއަށް ބޭނުންވާ ބަސްތަކުގައި 20 ގޮނޑި އަދި އެހެން ބަސްތަކުގައި 22 ގޮނޑި ހުރެ އެވެ. މީގެއިތުރުން 10 މީހުންނަށް ކޮޅަށް ހުރެގެން ދަތުރުކުރެވޭނެ ގޮތް ވެސް ވަނީ ހަމަޖައްސާފަ އެވެ.
މާލޭގައި މިނީ ބަހުގެ ހިދުމަތް ފަށާފައިވާއިރު، ފުރަތަމަ ދެ ހަފްތާ އެއްވެސް އަގެއް ނުނަގާނެ އެވެ. އެ މުއްދަތުގެ ފަހުން ދަތުރަކަށް ނެގުމަށް ނިންމާފައިވަނީ ހަތް ރުފިޔާ އެވެ. މިނީ ބަހުގައި އުމުރުން ތިން އަހަރުން ދަށުގެ ކުދިންނާއި ޔުނީފޯމްގައި ތިބޭ ކިޔަވާ ކުދިންނާއި 65 އަހަރުން މަތީގެ މީހުންނަށް ހިލޭ ދަތުރުކުރެވޭނެ އެވެ.
އާރްޓީއެލްގެ ވެބްސައިޓާއި އެޕްލިކޭޝަން މެދުވެރިކޮށް ބަހުގެ ކިއުއާރް ޓިކެޓް ލިބޭނެ އެވެ. އެފް ސްޓޯ އަދި ގޫގުލް ފްލޭ ސްޓޯރުން އާރްޓީއެލްގެ އެޕްލިކޭޝަން ޑައުންލޯޑް ކުރެވޭނެ އެވެ.