ބަސް ދަތުރުތައް

ބަހަށް ދަތިވާ ގޮތަށް ޕާކް ކުރާ އުޅަނދުތައް ނަގަނީ

Sep 6, 2022
1

މާލޭގައި ކުރިއަށް ގެންދާ ބަހުގެ ހިދުމަތްތަކަށް ދަތިވާ ގޮތަށް މަގުތަކުގައި ޕާކް ކޮށްފައި ހުންނަ އުޅަނދުތަކުގައި ސްޓިކާ ޖެހުމަށްފަހު އެފަދަ އުޅަނދުތައް ޓޯ ކުރަން ފަށައިފި އެވެ.

މާލޭގައި އިއްޔެ ބިނީ ބަހުގެ ހިދުމަތް ފެށީ ތިން ރޫޓަކުން ދަތުރުކުރާނެ އެވެ. އެއީ އަމީނީ ރޫޓާއި، ސޯސަން ރޫޓާއި އޯކިޑް ރޫޓެވެ. ބަހުގެ ހިދުމަތް ހަފްތާގެ ހުރިހާ ދުވަހަކު ހެނދުނު 5:45 އިން ރޭގަނޑު 12:15 އަށް ލިބޭނެ އެވެ.

މިނީ ބަހުގެ ދަތުރުތައް އިންތިޒާމުކޮށްފައިވަނީ މާލޭގެ ހަތަރު އަވަށް ކަވަރުކުރެވޭ ގޮތަށެވެ. ބަސް ދަތުރުކުރާ ރޫޓުތަކުގައި ޖުމްލަ 40 ބަސް ސްޓޮޕް ހަދާފައިވާއިރު ކޮންމެ ސްޓޮޕަކަށް ކޮންމެ 15 މިނެޓަކުން ބަސް ގާތްކުރާނެ އެވެ.

ބަހުގެ ހިދުމަތް އިންތިޒާމު ކޮށްފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް އެންމެ ބޮޑު ދައްޗަކަށް ދިމާވެފައިވަނީ މާލޭގެ ބައެއް މަގުތަކުގައި ގަވައިދާ ހިލާފަށް ޕާކް ކުރުމާއި، ބަސް ސްޓޮޕްތަކުގައި އާންމު އުޅަނދުތައް ޕާކް ކުުރުމުގެ މައްސަލަ އެވެ.

މިމައްސަލަ ހައްލުކުރުމަށްޓަކައި ޓްރެފިކް ފުލުހުން ރެއިން ފެށިގެން ގެންދަނީ ގަވައިދާ ހިލާފަށް ޕާކް ކުރާ އުޅަނދުތަކުގައި ސްޓިކާ ޖަހައި އެފަދަ އުޅަނދުތައް ނެގުމުގެ މަސައްކަތް ކުރަމުންނެވެ.

ފުލުހުން މިއަދު ބުނީ މިނީ ބަހުގެ ހިދުމަތް ފެށުމާއެކު މާލޭގެ ބައެއް މަގުތަކުގައި އުޅަނދު ޕާކް ކުރުން މަނާކޮށް، ޕާކު ކުރުމުގެ އިންތިޒާމުތަކަށް ބަދަލުތަކެއް ގެނެސްފައިވާނެ ކަމަށެވެ. އެގޮތުން ބަސް ރޫޓަށް އުނދަގޫވާ ގޮތަށް، ޕާކު ކުރުން މަނާ ކޮށްފައިވާ ސަރަހައްދުތަކުގައި ޕާކް ކޮށްފައި ހުންނަ އުޅަނދުތަކުގައި ވައިލޭޝަން ސްޓިކާ ޖެހުމުގެ އިތުރުން، ޓޯ ކުރަން ޖެހޭ ހާލަތްތަކުގައި ޓޯ ކުރަމުން ގެންދާނެ ކަމުގައިވެސް ފުލުހުން ބުންޏެވެ.

މާލޭގައި ބަހުގެ ހިދުމަތް ދިނުމަށް 18 ބަސް ބޭނުންކުރާއިރު، އަށް ބަހަކީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އަރާ ފޭބޭ ގޮތަށް ރޭމްޕާއި ފުރޮޅުލީ ގޮނޑިއަށް ހާއްސަ ޖާގަތަކެއް ހަދާފައިވާ ބަސްތަކެކެވެ. ހާއްސަ އެހީއަށް ބޭނުންވާ ބަސްތަކުގައި 20 ގޮނޑި އަދި އެހެން ބަސްތަކުގައި 22 ގޮނޑި ހުރެ އެވެ. މީގެއިތުރުން 10 މީހުންނަށް ކޮޅަށް ހުރެގެން ދަތުރުކުރެވޭނެ ގޮތް ވެސް ވަނީ ހަމަޖައްސާފަ އެވެ.

މާލޭގައި މިނީ ބަހުގެ ހިދުމަތް ފަށާފައިވާއިރު، ފުރަތަމަ ދެ ހަފްތާ އެއްވެސް އަގެއް ނުނަގާނެ އެވެ. އެ މުއްދަތުގެ ފަހުން ދަތުރަކަށް ނެގުމަށް ނިންމާފައިވަނީ ހަތް ރުފިޔާ އެވެ. މިނީ ބަހުގައި އުމުރުން ތިން އަހަރުން ދަށުގެ ކުދިންނާއި ޔުނީފޯމްގައި ތިބޭ ކިޔަވާ ކުދިންނާއި 65 އަހަރުން މަތީގެ މީހުންނަށް ހިލޭ ދަތުރުކުރެވޭނެ އެވެ.