ހައްވާ ޒުހާ

ޕޯސްޓްމޯޓަމް ހަދަން ޒުހާގެ ހަށިގަނޑު މާދަމާރޭ ބޭރަށް ގެންދަނީ

Jan 11, 2016

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާލޭގެ މަގެއްގެ މަތީގައި މަރުވެފައި އޮއްވާ ފެނުނު ހައްވާ ޒުހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން މާދަމާ ރޭ ރާއްޖެއިން ބޭރަށް ގެންދާނެ ކަމަށް ފުލުހުން ބުނެފި އެވެ.

އިންވެސްޓިގޭޝަން ކޮމާންޑްގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން އާދަމް ވިދާޅުވީ ހައްވާ ޒުހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފޮނުވުމަށް ހަމަޖެހިފައިވަނީ އިންޑިޔާގެ ޓްރިވެންޑްރަމްއަށް ކަމަށެވެ. މިކަމާ ގުޅޭގޮތުން ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށާއި ހަމަޖެހިފައިވާ ގޮތުގެމަތިން މާދަމާ ރޭ ޒުހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން އިންޑިޔާއަށް ފޮނުވާލެވޭނެ ކަމަށް ހުސައިން ވިދާޅުވި އެވެ.

ފުލުހުން ބުނެފައި ވަނީ ހައްވާ ޒުހާ މަރާލުމަށް ފަހު ބަޔަކު އޭނާ އެ ގޯޅިތެރެއަށް އެއްލައިލި ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އަދި އެ މައްސަލަ އަންނަނީ މަރުގެ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.

ހައްވާ ޒުހާގެ މަރުގެ މައްސަލައިގެ ތުހުމަތުގައި މިދިޔަ ހޮނިހިރު ދުވަހު 28 އަހަރުގެ ދިވެހި ފިރިހެނަކާއި 50 އަހަރުގެ ދިވެހި އަންހެނަކު ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ވެސް ކޮށްފަ އެވެ. އެދެމީހުން ހައްޔަރުކުރުމަށްފަހު އެދެމީހުން ދިރިއުޅޭގެ ބަލައި ފާސްކޮށް ތަހުގީގަށް ބޭނުންވާ ބައެއް ތަކެތި ފުލުހުންގެ ބެލުމުގެދަށަށް ވަނީ ގެނެސްފަ އެވެ. އޭގެ ތެރެއިނ އަންހެން މީހާގެ ބަންދަށް ފަސް ދުވަސް އަދި ފިރިހެން މީހާގެ ބަންދަށް 10 ދުވަސް ކްރިމިނަލް ކޯޓުން ވަނީ ދީފަ އެވެ.