ފިނިޕޭޖް

ކޮލިން ފެރަލްގެ އާ ފިލްމަށް ވެނިސް ފިލްމު ފެސްޓިވަލްގައި ތަރުހީބު

ކޮލިން ފެރަލްގެ އައު ފިލްމް "ދަ ބެންޝީޒް އޮފް އިނިޝެރިން" ވެނިސް ފިލްމް ފެސްޓިވަލްގައި ވަރަށް ކާމިޔާބުކޮށް ރިލީޒްކޮށް، އެ ފިލްމަށް 13-މިނެޓް ކޮޅަށް ތިބެ އަތްތަލަބަޑީގެ ތަރުހީބް ލިބިއްޖެ އެވެ.

މާޓިން މެކްޑޮނާ ޑައިރެކްޓްކުރި މި ފިލްމްގައި ކޮލިން ފެރަލްގެ އިތުރުން ބްރެންޑަން ގްލީސަން އަދި ކެރީ ކޮންޑަން ވެސް ހިމެނެ އެވެ.

ކޮލިން ފެރަލް ވަނީ އެ ފެސްޓިވަލްގެ އާންމު ސަގާފަތާ ހިލާފަށް އާމުންގެ ތެރެއަށް ގޮސް ފޭނުންނާއެކު ސެލްފީ ނަގައި އޮޓޮގްރާފް ދީފަ އެވެ. މިކަމާ ގުޅިގެން ފިލްމަށް ލިބުނު ތަރުހީބުގެ އަޑުދިޔައީ އުފުލެމުންނެވެ.

މި ފިލްމްގެ ސްކްރިޕްޓް، ޑައިރެކްޝަން އަދި އެކްޓިން އަށް ވަނީ ގިނަ ކްރިޓިކްސް އިންވެސް ތައުރީފްކޮށްފަ އެވެ. އެހެންކަމުން، މި ފިލްމް އެވޯޑްތަކަށް ނޮމިނޭޓްވެ، ކޮލިން ފެރެލްއަށް "ބެސްޓް އެކްޓަރު" އަދި ބްރެންޑަން ގްލީސަންއަށާއި ކެރީ ކޮންޑަންއަށް "ސަޕޯޓިން އެކްޓަރު" އެވޯޑް ލިބުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވެ އެވެ.

މި ފިލްމްގައި ދައްކުވައިދެނީ ގިނަ ދުވަސްވި ދެ ގާތް ރަހްމެތްތެރިންގެ ތެރެއިން އެކަކު ކުއްލިއަކަށް އެ ދެމީހުންގެ ގުޅުން ކަނޑާލުމުން، އެމީހުންގެ މުޖްތަމައަށް އޭގެ ސަބަބުން ކުރާ ނޭދެވޭ އަސަރާއި ދިމާވާ ކަންތައްތަކެވެ.

"ދަ ބެންޝީޒް އޮފް އިނިޝެރިން" އާންމުކޮށް ރިލީޒްކުރާނީ އަންނަ މަހުގެ 22 ވަނަ ދުވަހު އެވެ.