ހަބަރު

އިސްލާމްދީނުގެ މަތީގައި ސާބިތުވެ ތިބުމަށް ރައީސް ގޮވާލައްވައިފި

މާތްވެގެންވާ އިސްލާމްދީނުގައި އަންގަވާފައިވާ އެންގެވުންތަކަށް ފުރިހަމައަށް އިހުތިރާމްކޮށް، އެ ދީނުގެ މަތިވެރި ހިދާޔަތުގައި ސާބިތުވެ ތިބުމަށް ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގޮވާލައްވައިފިއެވެ. ރައީސް މިފަދައިން ގޮވާލެއްވީ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ހިތާބުގެ މެސެޖުގައެވެ.

ރައީސްގެ މެސެޖްގައި އެމަނިކުފާނު ވަނީ ދީނީ ފަރުޟުތަކަށާއި ވާޖިބުތަކަށް ރައްކާތެރިވެ ތިއްބެވުމުގެ އަޒުމް އާކުރުމަށް، ރާއްޖޭގެ ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.

"މިއަދަކީ މީގެ އަށްސަތޭކަ އެތައް އަހަރެއް ކުރިން، މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި ނޫރުން ދިވެހިންގެ ހިތްތައް އަލިވެ، އުޖާލާވެގެންދިޔަ ދުވަހެވެ. މި މަތިވެރި ނިއުމަތް އަޅުގަނޑުމެންނަށް މިންވަރު ކުރެއްވި ކަމަށްޓަކައި މާތްﷲގެ ހަސްރަތަށް ހަމްދާއި ޝުކުރު ދަންނަވަމެވެ. އަދި މި މުނާސަބަތުގެ އިހުލާސްތެރި ތަހުނިޔާ، ރާއްޖޭގެ އެންމެހައި ލޮބުވެތި އުހުތުންނަށާއި އަހުންނަށް ދަންނަވަމެވެ."

ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމާއި އަދި އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަސްދަރު ކަމަށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބަޔާންކޮށްފައި ވުމާއެކު، މާތްވެގެންވާ އިސްލާމްދީން ނޫން އެހެން އެއްވެސް ދީނަކަށް ރާއްޖޭގައި ޖާގަ ނެތްކަން، ޤާނޫނުއަސާސީން ވަނީ ކަށަވަރުކޮށް ދީފައެވެ. އެހެންކަމުން، ގައުމުގެ އެއްބައިވަންތަކަމާއި އެކުވެރިކަން ދެމެހެއްޓުމާއި އަދި ގައުމުގެ މިނިވަންކަމާއި އިސްތިގްލާލު ހިފެހެއްޓުމުގެ ބިންގަލަކީވެސް މާތްވެގެންވާ އިސްލާމްދީންކަން ހަނދާންނައްތާލައިގެން ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ނުގުޑާފަދަ އަޒުމަކާއެކު މި މާތް ދީނުގެ ތެދުމަގުގައި ސާބިތުވެ ތިބުމަކީ، ކޮންމެ މީހެއްގެ މައްޗަށް އޮތް، ދީނީ އަދި ގައުމީ ވާޖިބެއް ކަމަށް ރައީސް ވިދާޅިވިއެވެ.

"މި ފުރުސަތުގައި، މާތްވެގެންވާ އިސްލާމްދީނުގައި އަންގަވާފައިވާ އެންގެވުންތަކަށް ފުރިހަމައަށް އިހުތިރާމްކޮށް، އެ ދީނުގެ މަތިވެރި ހިދާޔަތުގައި ސާބިތުވެ ތިއްބަވައި، އަދި ދީނީ ފަރުޟުތަކަށާއި ވާޖިބުތަކަށް ރައްކާތެރިވެ ތިއްބެވުމުގެ އަޒުމް އާކުރެއްވުމަށް، ރާއްޖޭގެ ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ. އަދި އަޅުގަނޑުމެންގެ ދަރިންގެ ހިތްތަކުގައި، އިސްލާމްދީނަށް ޝައުގުވެރިކަން އުފެއްދެވުމަށް ކުރެއްވެންހުރި ހުރިހާ މަސައްކަތްތަކެއް ކޮށްދެއްވުމަށް މައިންބަފައިންނަށާއި ބެލެނިވެރިންނަށްވެސް އަޅުގަނޑު ގޮވާލަމެވެ." ރައީސް ވިދާޅުވިއެވެ.