ވޯލްޑް ބޭންކް

ރާއްޖެއަށް މިވަގުތު އިގްތިސޯދީ ނުރައްކަލެއް ނެތް: ވޯލްޑް ބޭންކް

Sep 10, 2022

ރާއްޖޭގެ އިގްތިސާދަށް މިވަގުތު ނުރައްކަލެއް ނެތް ކަމަށާއި އެކަމަކު ދިމާވެދާނެ ހާލަތަކަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވޯލްޑް ބޭންކުން ލަފާ ދީފި އެވެ.

ވޯލްޑުން ބޭންކުން ނެރެފައިވާ "މޯލްޑިވްސް ޕަބްލިކް އެކްސްޕެންޑިޗާ ރިވިއު" ގައި ބުނެފައިވަނީ ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބޭ އެއްޗަކަށް ވުރެ ކުރާ ހަރަދު މާބޮޑަށްވެސް އިތުރުވެފައިވާތީ އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކެއް ހޯދަންޖެހޭ ކަމަށެވެ.

ލިބޭ އާމްދަނީގެ ތިންބައިކުޅައެއްބައި މުވައްޒަފުންނަށް މުސާރަ ދިނުމަށް ހަރަދުކުރާކަން ފާހަގަކޮށް ރިޕޯޓްގައި ބުނެފައިވަނީ ރާއްޖޭގައި ތަންފީޒު ކުރަން ފަށާފައިވާ މިނިމަން ވޭޖާއި މުސާރަތައް އެއްހަމަކުުރުމުގެ ސިޔާސަތާ އެކު މުސާރަތަކަށް ދައުލަތުން ކުރަންޖެހޭ ހޭދަ ކުރިއަށް އޮތް ދުވަސްތަކުގައިވެސް އިތުރުވާނެ ކަމަށެވެ.

ރާއްޖޭގައި އުމުރުން ދުވަސްވީ މީހުން އިތުރުވާތީ މުސްތަގުބަލްގައި ޕެންޝަން ކުރާ ހޭދަ ބޮޑުވާނެ ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ. މިހާރުވެސް ދައުލަތުން ބައެއް ފަރާތްތަކަށް "ޑަބަލް ޕެންޝަން" ދެމުންދާތީ އެގޮތަށް ޕެންޝަން ދިނުން ހުއްޓާލުމަށްވެސް ނަސޭހަތްތެރިވެފައިވެ އެވެ. ރާއްޖޭގައި އާންމުކޮށް އެންމެންނަށް އާސަންދަ ސްކީމްގެ ތެރެއިން ހިލޭ ބޭސް ފަރުވާ ކުރުމުގެ ފުރުސަތު ދިނުމުގެ ބަދަލުގައި އެންމެ ބޭނުންތެރި މީހުންނަށް އެ ސްކީމު ތެރެއިން ހަރަދުކުރެވޭނެ ގޮތްތަކެއް ހެދުމަށްވެސް އެދިފައިވެ އެވެ.

ރާއްޖޭގައި ކޮވިޑްގެ ކުރިން 2014 އިން 2019 އަށް ވެސް ހަރަދު ކުރަމުން އައީ ލިބޭ އެއްޗަކަށް ވުރެ އިތުރަށް ކަމަށްވާތީ އޭރުވެސް ދަރަނި ނަގަމުން ދިޔަ ކަމަށް ވޯލްޑް ބޭންކުން ބުނެ އެވެ. ރާއްޖޭގައި ތަރައްގީގެ މަޝްރޫއުތަކަށް ކުރާ ހޭދަ ވަރަށް ބޮޑަށް އިތުރުކޮށްފައިވާ ކަމަށާއި އެންމެ ބޮޑު ހޭދައެއް ކުރަނީ ބޯހިޔާވަހިކަމާއި ސިއްހީ ދާއިރާގެ މަޝްރޫއުތަކަށް ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ. އެކަމަކު މަޝްރޫއުތަކަށް ކުރާ ހަރަދާ އެއްވަރަށް ހައްލު ކަންކަމަށް ނުލިބޭ ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.

ދިވެހި ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކައި ޖީއެސްޓީ ބޮޑު ކުރަން ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށްވެސް ވޯލްޑް ބޭންކުން ދެކެ އެވެ. އަދި އިންކަމް ޓެކްސް ނަގަން ނިންމާފައިވާ ތްރެޝްހޯލްޑް ކުޑަކުރަން ހުށަހަޅާފައިވެ އެވެ.

"އާމްދަނީ އިތުރުކުރަން ނިންމާފައިވާ ކަންކަމަކީ މިވަގުތު އެޅިދާނެ ރަނގަޅު ފިޔަވަޅުތައް،" ރިޕޯޓްގައިވެ އެވެ.

ރާއްޖޭގެ ޖުމްލަ ދަރަނި 100 ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް ގޮސްފައިވާއިރު ދިވެހި ދައުލަތުން ނަގާފައިވާ ލޯނުތަކަށް 2026 ގައި ބޮޑު އަދަދެއް ދައްކަންޖެހެ އެވެ. އެ އަދަދު ރާއްޖެއަށް ދެއްކި ދާނެ ކަމާ ދޭތެރޭ ބައެއް ފަރާތްތަކުން ސުވާލު އުފައްދަ އެވެ.