ހަބަރު

މާސް މީޑިއާ ގައި ފަތުރާ މައުލޫމާތުތަކާ މެދު ސަމާލުވާން ޖެހޭ: އިސްލާމިކް މިނިސްޓަރު

  • ލާދީނީ ފިކުރުތައް ފަތުރަން ކެނޑިނޭޅި މަސައްކަތް ކުރޭ
  • އިންޓަނެޓުން ލިބޭ މައުލޫމާތަކުގެ ތެދުދޮގު އޮޅުންފިލިވަން ޖެހޭ
  • ދީނުގެ ތަރުބިއްޔަތު އިތުރު ކުރަން ޖެހޭ

މިއަދު ދިވެހި ރާއްޖެ އިސްލާމްވި ދުވަސް ފާހަގަ ކުރަމުންދާއިރު ގައުމުގެ ގޮނޑޮދޮށަށް ޖަހަމުންދާ ދީނާ ހިލާފް ރާޅުތަކާއި މެދު ވިސްނަން ޖެހޭ ކަމަށާއި މާސް މީޑިއާ މެދުވެރިކޮށް ދީނާ ގުޅޭ ގޮތުން ހޯދާ މައުލޫމާތުތަކާ މެދު ސަމާލުވެ ތިބުމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒިޔާދު ބާގިރު ގޮވާލައްވައިފި އެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ކ. ގުރައިދޫގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޒިޔާދު ވިދާޅުވީ ރާއްޖޭގެ ކަނޑުތަކުގައި ދީނާ ހިލާފް އޮއްވެރަުތައް ފެތުރެމުން އަންނަ ކަމަށާއި އެކަމަކީ މިއަދު ދިވެހިންގެ ވިސްނުން ހިންގަންވީ ކަންތައްތަކެއް ކަމަށެވެ.

"މިއަދު ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ ދިވެހިންގެ ފިކުރާއި ކުޅެލުމަށް ކުރަމުންދާ ފިކުރީ ހަނގުރާމަ. ދިވެހިން ލާދީނީ ބަޔަކަށް ހެދުމަންދާ ކެނޑިނޭޅި ދެމުންދާ ހަމަލާ. މިގޮތުން ދިވެހި ބަހުން ބައިބަލްގެ ކޮޕީތައް ތަރުޖަމާކޮށް ދިވެހިންނަށް ބަހަމުންދަނީ. ލާދީނީ ވާހަކަތައް ދިވެހިންނަށް އަމާޒުކޮށް ބަހަމުންދާ ކަން ފާހަގަ ކުރެވޭ" ޒިޔާދު ވިދާޅުވި އެވެ.

މާސް މީޑިއާ މެދުވެރިކޮށް ދިވެހިންގެ ފިކުރުތަތާކި ކުޅެން ކުރަމުންދާ މަސައްކަތްތައްވެސް ފާހަގަކުރެވޭކަމަށް ވިދާޅުވަމުން ޒިޔާދު ވިދާޅުވީ މިކަންކަމަކީ ދިވެހިން ހޭލާ ތިބެންޖެހޭ ކަންކަން ކަމަށާއި ދުނިޔެ ކުޑަވެ މާސް މީޑިޔާގައި އިނގިލިކުރިން މައުލޫމާތު ހޯދޭއިރު އެ ހޯދާ މައުލޫމާތު ތަކާ މެދު ފާރަވެރިވާން ޖެހޭ ކަމަށެވެ.

ޒިޔާދު ވިދާޅުވީ ދަރިންނަށް އިސްލާމްދީން އެންމެ ރަނގަޅު ގޮތުގައި ކިޔަވައިދޭން ޖެހޭ ކަމަށާއި ދީނުގެ ފުރިހަމަ އުސޫލުތައް ދަސްކޮށްދޭން ޖެހޭ ކަމަށެވެ.

"ދަރިން ދީނީ ފިކުރުތަކަށް އަދި މިޒަމާނުގެ ފިކުރުތަކަށް ލޯ ހުޅުވައިދޭން ޖެހޭ. ފިކުރީ ހަނގުރާމައިން މުސްލިމުންނަށް ލިބޭ ގެއްލުންތައް ބުނެދީ އެގެއްލުންތަކުން ސަލާމަތްވާނެ ގޮތް ބުނެދީ ދަސްކޮށްދޭން ޖެހޭ. ދީނުގައި ދެމި ތިބުމުގެ ހިތްވަރާއި ފަންވަރު ދީ އަޤީދާ ވަރުގަދަ ކޮށްދެން ޖެހޭ"

މިއަދު ދިވެހިންނަށް ކާމިޔާބު ލިބެން އޮތީ މިކަންކަމަށް ސަމާލުކަންދީ އެކަންކަމުގައި ފައިތިލަ ސާބިތުކޮށްގެން ކަމަށާއި މިއަދު ދިވެހިން ވާނެ ޖެހޭނީ ދީނުގެ އަޤީދާގައި ސާބިތުވެ ތިބި ބަޔަކަށް ކަމަށްވެސް ޒިޔާދު ވިދާޅުވި އެވެ.

އަދި މިފަދަ ދުވަހެއްގައި ދީނަށް ކުރިމަތިވާ ނުރައްކާތަކުން ދިވެހި އުއްމަތް ސަލާމަތް ކުރަން މަސައްކަތް ކުރާ ބަޔަކަށް ވާން އަޒުމް ކަނޑައަޅަން ޖެހޭ ކަމަށެވެ.

ޒިޔާދުގެ ވާހަކައިގައި މި ދުވަހަކީ އިބްރަތްތަކެއް ހާސިލް ކޮށް އުފާ ކުރަންވީ ދުވަހެއް ކަމަށް ވިދާޅުވި އެވެ.

ޒިޔާދު އިތުރަށް ވިދާޅުވީ ރާއްޖެ އިސްލާމް ވެގެން އައި ދުވަސްވަރު އެހާ ފަސޭހައިން ދިވެހިން އިސްލާމްދީން ގަބޫލުކުރުމަކީ ހައިރާން ވާންވީ ކަމެއް ނޫން ކަމަށާއި އެއީ މާތްﷲގެ ކުޅަދުންވަންތަކަމާއި ހިކުމަތްވަންތަކަން ހާމަވެގެންދާ ކަމެއް ކަމަށެވެ.

ޒިޔާދު ވިދާޅުވީ އިސްލާމްދީން ހިމާޔަތްކުރަން ކުރަން ޖެހުނު ކޮންމެ ކަމެއްވެސް ސަރުކާރުން ކުރާނެ ކަމަށާއި އެންމެ ފިޔަވަޅެއްވެސް ފަހަތަށް ނުޖެހޭނެ ކަމަށެވެ.

ރައްޖޭގައި މިއަދު ފާހަގަ ކުރަމުން މިދަނީ ހިޖުރީ ގޮތުން ރާއްޖެ އިސްލާމްވިތާ 889 ވަނަ އަހަރެވެ.

މިއަދު ބޭއްވި ޖަލްސާގައި ޑިފެންސް މިނިސްޓަރ އާދަމް ޝަރީފާއި، ޔޫތު މިނިސްޓަރ މުހައްމަދު ޒުހޫރުގެ އިތުރުން ސްޓޭޓް މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ގުރައިދޫ ދާއިރާގެ މެމްބަރު އަލް އުސްތާޛް އިބްރާހިމް ރިޒާވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.