ހަބަރު

އަދީބަށް ހައްގުތައް ނުލިބޭ ކަމަށް ބުނާ މައްސަލަ އެޗްއާރްސީއެމްއިން ބަލަނީ

ކުރީގެ ނައބު ރައީސް އަހުމަދު އަދީބު އަބްދުލް ގަފޫރުގެ އިންސާނީ ހައްގުތަކާ ގުޅޭ މައްސަލައެއް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)އިން ބަލަން ފަށައިފިއެވެ.

އެޗްއާރްސީއެމްގެ މީޑިއާ އޮފިޝަލް ހައްވާ ވަޖުދާ "އަވަސް"އަށް ވިދާޅުވީ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ގުޅޭ މައްސަލައެއް އެ ކޮމިޝަނަށް ހުށަހެޅި ބަލަމުންދާ ކަމަށެވެ. ކޮމިޝަންގެ އުސޫލުތައް ހަމަޖެހިފައިވާ ގޮތުގެ ސަބަބުން އެ ކޮމިޝަންނަށް މައްސަލަ ހުށަހެޅި ފަރާތުގެ މައުލޫމާތު ވަޖުދާ ވިދާޅެއް ނުވެއެވެ. އަދި މައްސަލާގެ ތަފުސީލެއް ވެސް ނުދެއްވައެވެ.

ކުރީގެ ނައިބު ރައީސް އަދީބު، ލޯންޗްކޮޅުގެ މައްސަލާގެ ތަހުގީގަށް ހައްޔަރުކޮށް، ޖަލުގައި އިންސާނީ ހައްގުތަކުން އެކަހެރިކޮށްފައިވާ ކަމަށް ބުނެ އެމަނިކުފާނުގެ އާއިލާއިންނާއި ގާނޫނީ ވަކީލުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެމަނިކުފާނަށް އާއިލާއާ ބައްދަލުކުރެއްވުމަށް ވެސް އެކަށީގެންވާ ފުރުސަތު ނުލިބޭ ކަމަށް އާއިލާއިން ބުނެފައިވެއެވެ.

ލޯންޗްކޮޅުގެ މައްސަލާގެ އަދީބު ހައްޔަރުކޮށްފައިވާއިރު އެ މައްސަލާގެ ދައުވާ އަދި އަދީބުގެ މައްޗަށް އުފުލާފައެއް ނުވެއެވެ. ނަމަވެސް، އަދީބުގެ މައްޗަށް ޓެރަރިޒަމާއި ހިޔާނާތުގެ މައްސަލާގެ ދައުވާ އުފުލާ، ޝަރީއަތް ވަނީ ފަށާފައެވެ. ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ އަދީބުގެ ގެއިން ފިސްތޯލައެއް ފެނުން ކަމަށް ބުނާ މައްސަލައެއްގައެވެ. ހިޔާނާތުގެ ދައުވާ އުފުލާފައިވަނީ އެމްއެމްޕީއާރްސީއިން ގަވާއިދާ ހިލާފަށް ރަށްތައް ދޫކުރި މައްސަލާގައެވެ.

މި ދެ ދައުވާގެ އިތުރުން އަދީބުގެ މައްޗަށް ރިޝްވަތުގެ ދައުވާ އުފުލުމަށް ވެސް ޕީޖީއަށް ފޮނުވާފައިވެއެވެ. އެއީ ފުލުހުންނަށް އަދީބު ރިޝްވަތު ދިން ކަމަށް ބުނާ މައްސަލައެކެވެ. މީގެއިތުރުން ވެސް އެމްއެމްޕީއާރްސީއިން ގަވާއިދާ ހިލާފަށް އިތުރު ރަށްތަކެއް ދޫކުރި މައްސަލާގެ ދައުވާ އުފުލުމަށް ވެސް ޕީޖީއަށް ފޮނުވާފައިވެއެވެ.