އިލެކްޝަންސް ކޮމިޝަން

ބައި-އިލެކްޝަން ބާއްވަންޖެހޭ އަދަދު މަދުކޮށްލަނީ

Sep 12, 2022
2

ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަންތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ ބައި-އިލެކްޝަން އަވަސް އަވަހަށް ބާއްވަން ޖެހޭތީ ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް ދެ ގާނޫނަކަށް އިސްލާހު ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ އެމްޑީޕީގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު އެވެ.

ލޯކަލް ކައުންސިލްގެ ގާނޫނާއި ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހަޅާފައިވަނީ ލޯކަލް ކައުންސިލްގެ ގޮނޑިއެއް ނުވަތަ ޑަބްލިއުޑީސީގެ ގޮނޑިއެއް ހުސްވެއްޖެނަމަ އަހަރަކު އެއް ފަަހަރު އިންތިހާބު ބާއްވަންޖެހޭ ގޮތަށެވެ. އެގޮތުން ދެ ބައި-އިލެކްޝަންގެ ދެމެދުގައި ހޭދަވާ މުއްދަތު 300 ދުވަހަށް ވުރެ މަދު ވެގެން ނުވާނެ ކަމަށް އިސްލާހުގައިވެ އެވެ. ކައުންސިލްގެ ދައުރު ހަމަވާން ނުވަތަ ޑަބްލިއުޑީސީގެ ދައުުރު ހަމަވާން އޮތީ އަހަރަކަށް ވުރެ މަދު ދުވަސްކޮޅެއް ނަމަ އިންތިހާބު ބާއްވާކަށް ނުޖެހެ އެވެ. އެކަމަކު ކައުންސިލްގެ ގޮނޑި ނުވަތަ ޑަބްލިއުޑީސީގެ ގޮނޑި ހުސްވެ، ކައުންސިލްގެ ބައްދަލުވުންތައް ކުރިއަށް ގެންދަން ބޭނުންވާ ގާނޫނީ އަދަދު ހަމަނުކުރެވޭނަމަ ގޮނޑި ހުސްވާތާ 60 ދުވަސް ތެރޭގައި އިންތިހާބު ބާއްވަންޖެހެ އެވެ.

ސަރުކާރުގެ ފަރާތުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ހުށަހަޅާފައި މިވަނީ ލޯކަލް ކައުންސިލްތަކާއި ޑަބްލިއުޑީސީގެ ބައި-އިލެކްޝަންތައް ވަރަށް ގިނައިން ވަރަށް ކައިރިކައިރީގައި ބާއްވަންޖެހޭ ގޮތަށް ގާނޫނުތައް މިހާރު ހަމަޖެހިފައިވާތީ ދައުލަތުގެ ބަޖެޓުން ކުރަންޖެހޭ ހޭދަ ވަރަށް ބޮޑުވެފައި ވަނިކޮށެވެ.

އިލެކްޝަންސް ކޮމިޝަންގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު އަންހެނުންގެ ކޮމިޓީތަކުގެ 11 ބައި އިލެކްޝަން އަދި މި އަހަރުގެ މިހާތަނަށް 20 ބައި އިލެކްޝަން ބާއްވާފައިވެ އެވެ. ކޮންމެ ބައި އިލެކްޝަނަކަށް ލައްކައަކަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރަންޖެހެ އެވެ.