ހަބަރު

އާ ބީޗާ އެކު މާލޭގެ މަލަމައްޗަށް ހިތްގައިމުކަން، އަންނަ ހަފްތާ ހުޅުވަނީ

މާފަންނުގައި ހަދާ ހިތްގައިމު މުޅިން އާ އާޓިފިޝަލް ބީޗްގެ މަސައްކަތް މި ހަފުތާ ތެރޭގައި ނިންމައި، އާންމުންނަށް ބީޗް ހުޅުވާލެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ހުޅުވާނެ ވަކި ތާރީހެއް އަދި ކަނޑައެއް ނާޅައެވެ.

"އަވަސް"އަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ، އާ އާޓިފިޝަލް ބީޗްގެ ބޮޑު ބައި މިހާރު ވަނީ ގާތްގަނޑަކަށް ނިމިފައި ކަމަށާއި މި މަސް ތެރޭގައި ބީޗް މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ. އެގޮތުން ހަފުތާއެއްގެ ތެރޭގައި މަސައްކަތްތައް ނިމި، ބީޗް ރަސްމީކޮށް އާންމުންނަށް ވަދެވޭ ގޮތަށް ހުޅުވުމަށް މަސައްކަތް ކުރަމުން ދާ ކަމަށް ވިދާޅުވި އެވެ.

އެ ބީޗާ އެކު އިމާރާތަކުން ތޮއްޖެހިފައި މާލޭގެ މަލަ މައްޗަށް ބޮޑު ހިތްގައިމުކަމެއް އަންނާނެ އެވެ. ރަށެއްގެ ގޮނޑުދަށުގެ ސިފަވާ ގޮތަށް ފަރުމާކޮށްފައިވާ މި ބީޗަށް އެ އިހުސާސް ގެނައުމަށް، ޓަކައި އެ ސަރަހައްދު ފެހި ކުރުމަށް ރުކާއި ގަސް އިންދައި ސަރަހައްދު ވަނީ ވަރަށް ބޮޑަށް މިހާރު ވެސް ރީތިކޮށްލައިފަ އެވެ. މިއީ މިހާރު ހެންވޭރުކޮޅުގައި އޮންނަ އާޓިފިޝަލް ބީޗަށް ވުރެ ތިން ގުނަ ބޮޑު އަދި ހިތްގައިމު ބީޗަކަށް ވާނެ އެވެ.

ޒަމާނީ ފެންވަރަށް ހަދާ މި ބީޗުގައި ރެސްޓޯރެންޓަކާއި ފެންވަރާނެ ސަރަހައްދަކާއި ޗޭންޖިން ރޫމް، ފާހާނާ އަދި މަދަ ކެއާ އޭރިއާ އެއްވެސް ހިމެނޭނެ އެވެ. ބީޗްގައި ބާބަކިއު ހެދޭ ގޮތަށް ހަތަރު ތަނެއް ހުންނާނެއިރު ބީޗްގެ ދެކޮޅުގައި މަސް ބާނަން ތިބެވޭނެ ސަރަހައްދެއް ވެސް ހުންނާނެއެވެ. މޫދަށް އެރުމުގެ އިތުރުން ހިތްހަމަޖައްސައިލަން ތިބެވޭ ގޮތަށް ބޮޑު ސަރަހައްދެއް އޮންނާނެއެވެ.

މިއީ މާލޭގެ ހިތްގައިމު އެއް ސަރަހައްދަށް ބަދަލުވެގެންދާނެ އެވެ.

މާފަންނު ބީޗް ހުޅުވާއިރު ބީޗުގައި ނުނިމި ހުންނާނީ މޫދާ ގުޅިފައިވާ ޕެވީލިއަން އާއި އެތަނަށް ދިޔުމަށް ގުޅާފައި ހުންނަ އޯވަ ހެޑް ބްރިޖްގެ މަސައްކަތް ކަމަށް މުއިއްޒު ވިދާޅުވެފައިވެއެވެ.

"ކުރިންވެސް ރާވާފައިވާ ގޮތަށް މި ބީޗް ހުޅުވާއިރު ނުނިމި އިންނާނީ ޕެވީލިއަން އަދި ބްރިޖް ގެ މަސައްކަތް. އެހެން ނަމަވެސް އެބައިގެ ކޮންކްރީޓް މަސައްކަތް އެހާ ހިސާބަށް ނިމޭނެ. އޭގެ ބޭނުމަކީ ބީޗުގެ ބޭނުން އާންމުން ހިފާއިރު މި ސަރަހައްދު ރައްކާތެރި ތަނަކަށް ހެދުމަށް ކޮންކްރީޓް މަސައްކަތް ކުރިއަށް ނުގެން ދިއުން. ޕެވީލިއަން އަދި ބްރިޖުގެ މަސައްކަތް ފަސް މަސް ދުވަހުގެ ތެރޭގައި ނިމޭނެ،" މުއިއްޒު ވިދާޅުވެފައިވެއެވެ.

ޖުމްލަ 40 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ މި ޕްރޮޖެކްޓް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ.