ފިނޭންސް މިނިސްޓްރީ

ސަރުކާރުން 11 ކުންފުންޏެއް ސަސްޕެންޑްކޮށްފި

Sep 13, 2022

ސަރުކާރުގެ މަސައްކަތްތަކުން 11 ކުންފުންޏެއް ސަސްޕެންޑްކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ހާމަކުރި ގޮތުގައި އެ ކުންފުނިތައް ސަސްޕެންޑްކޮށްފައިވަނީ ތާރީހަށް މަސައްކަތް ނުނިންމުމާއި މަކަރު ހެދުމާއި އޮޅުވާލުމުގެ ގޮތުން ފޯޖް ލިޔުން ހުށަހެޅުމުގެ ސަބަބުންނެވެ.

ގުޑް ވޯކްސް މޯލްޑިވްސް ސަސްޕެންޑްކުރީ މެރިން ރިސާޗު ސެންޓަރުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް އެއްބަސްވުމާ އެއްގޮތަށް ނުކުރުމުގެ ސަބަބުންނެވެ.

މާރިސް ޕްރައިވެޓް ލިމިޓެޑް ސަސްޕެންޑްކުރީ ނ. އަތޮޅު ސްކޫލުގެ ދެ ބުރީގެ މަލްޓިޕާޕަސް ހޯލްގެ މަސައްކަތް އެއްބަސްވުމާ އެއްގޮތަށް ނުކުރުމުންނެވެ.

ވިންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ޓޮމީ އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ޓީ އެންޑް ބީ އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑް މި ތިން ކުންފުނިވެސް ސަސްޕެންޑްކުރީ ރައީސް އޮފީހަށް ވޭނެއް ގަތުމުގައި ބިޑް އޮޅުވާލުމުގެ ސަބަބުންނެވެ.

ވޯޓާ ޕާކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ސަސްޕެންޑްކޮށްފައިވަނީ ވ. ކެޔޮދޫގެ ދެ ބުރީގެ މަލްޓިޕާޕަސް ހޯލުގެ މަސައްކަތާއި ރ. އުނގޫފާރުގެ ދެ ބުރީގެ މަލްޓިޕާޕަސް ހޯލުގެ މަސައްކަތް ނުކުރެވުމުގެ ސަބަބުންނެވެ.

އެސްބްރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ސަސްޕެންޑްކޮށްފައިވަނީ ވ. ރަކީދޫ ސްކޫލު އަޕްގްރޭޑް މަސައްކަތުގައި ފޯޖް ޑޮކިއުމެންޓްތަކެއް ހުށަހެޅުމުގެ ސަބަބުންނާއި ލ. ގަން މުކުރިމަގު ސްކޫލް އޮފީސް އިމާރާތުގެ ބިޑްގައި ފޯޖް ލިޔުން ހުށަހެޅުމުންނެވެ.

ކޭ.އެސް.އޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ސަސްޕެންޑްކުރީ ހުޅުމާލެ ހޮސްޕިޓާ ސާފުކުރުމުގެ ހިދުމަތުގެ ބިޑަށް ފޯޖް ލިޔުން ހުށަހެޅުމުންނެވެ.

އެސްޓޮނިސް ކްލީނިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްވެސް ސަސްޕެންޑްކޮށްފައިވަނީ ހުޅުމާލެ ހޮސްޕިޓަލް ސާފުކުރުމުގެ ބިޑަށް ފޯޖް ލިޔުން ހުށަހެޅުމުގެ ސަބަބުންނެވެ.

މޫވް އެކްސް ސަސްޕެންޑްކޮށްފައިވަނީ އެއްބަސްވުމާ އެއްގޮތަށް ށ. މިލަންދޫ ކައުންސިލަށް ކުނި ނަގާ ޕިކަޕެއް ފޯރުކޮށް ދީފައި ނުވާތީ އެވެ.

އެލް.އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ސަސްޕެންޑްކުރީ ށ. ފޯކައިދޫ ކޮމިއުނިޓީ ސެންޓަރުގެ މަސައްކަތް ނުނިންމުމުގެ ސަބަބުންނެވެ.

މީގެ ތެރެއިން ބައެއް ކުންފުނިތައް ސަސްޕެންޑްކޮށްފައިވަނީ އެއް އަހަރު ދުވަހަށެވެ.