ހަބަރު

ފުވައްމުލަކުގައި ފެންބޮޑުވެ ގެތަކަށް ފެން ވަދެއްޖެ

ރެއިން ފެށިގެން ފުވައްމުލަކަށް ކުރަމުންދާ ވިއްސާރާގައި އެރަށުގެ ބައެއް މަގުތަކުގައި ފެންބޮޑުވެ، ބައެއް ގޭތަކަށް ފެން ވަދެއްޖެ އެވެ. އެމްއެންޑީއެފް ސަދަން އޭރިއާ ފުވައްމުލަކު ޕޯސްޓްގެ ސިފައިން ދަނީ ފެންހިންދުމުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ވިއްސާރައިގެ ސަބަބުން އެރަށުގެ 19 ގެއަކަށް ފެންވަދެފައިވާ ކަމަށް އެމްއެންޑީއެފް ސަދަން އޭރިއާ ފުވައްމުލަކު ޕޯސްޓުން ވަނީ ބުނެފަ އެވެ. މިކަމުގެ ރިޕޯޓް ލިބުމާއި ގުޅިގެން މިއަދު ހެނދުނުން ފެށިގެން ސިފައިން ހަރަކާތްތެރިވެ، ފެންވަންނަމުންދާ ގޭތަކުގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި އެރަށުގެ މަގުތަކުގައި ހެދިފައިވާ ފެންގަނޑުތައް ހިންދުމުގެ މަސައްކަތާއި، މަގުތަކުގައި ހުރި ކާނުތަކުން ފެން ބޭރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް ސިފައިން ދަނީ ކުރަމުންނެވެ.

ފުވައްމުލަކަށް ކުރަމުންދާ ވިއްސާރައިގައި އެއްވެސް ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެއް ނުވެ އެވެ.