ޗެމްޕިއަންސް ލީގް

އުނދަގޫ މޮޅަކުން ލިވަޕޫލަށް ބޮޑު ހިތްހަމަޖެހުމެއް

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ފަހު ވަގުތު އަޔަކްސް 1-2 އިން ބަލިކޮށް ދަށް ފޯމެއްގައި އޮތް ލިވަޕޫލުން ބޮޑު ހިތްހަމަޖެހުމެއް ހޯދައިފި އެވެ.

ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ރަށުން ބޭރުގައި ލިވަޕޫލް ވަނީ 4-1 އިން ނަޕޯލީ އަތުން ބަލިވެފަ އެވެ. އެ މެޗުގައި ދަށް ކުޅުމެއް ފެނުނުއިރު ރޭގެ މެޗަށް އެޓީމު ނުކުތީ މޮޅަކާ އެކު އިތުބާރު އަލުން ހޯދުމަށެވެ.

މެޗު ފެށުމުގެ ކުރިން މި މަހުގެ އަށްވަނަ ދުވަހު އަވަހާރަވި އިނގިރޭސި ވިލާތުގެ ރާނީ ކުއީން އެލިޒަބަތުގެ ހަނދާނުގައި ސްކޫތެއް ވަނީ ގެނެސްފަ އެވެ.

ރޭގެ މެޗުގެ ފުރަތަމަ ގޯލު ޑިއޯގޯ ޖޯޓާގެ އެހީތެރިކަމާ އެކު ޖެހީ މުހައްމަދު ސަލާހް އެވެ. މިއީ ޗެމްޕިއަންސް ލީގުގައި ލިވަޕޫލަށް ސަލާހް ޖަހައިދިން 34 ވަނަ ލަނޑެވެ.

ލިވަޕޫލުން ލީޑު ނެގިތާ 10 މިނެޓު ފަހުން އަޔަކްސް އިން ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ކުޑޫސް އެވެ. ގާނާއަށް އުފަން 22 އަހަރުގެ ކުޑޫސް އަކީ މި ސީޒަނުގައި އެޓީމުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިއެކެވެ.

ދެވަނަ ހާފުގައި އަޔަކްސްގެ ޑެލޭ ބްލިންޑަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނެވެ. މެޗު އެއްވަރުވާން ދަނިކޮށް 89 ވަނަ މިނެޓުގައި ލިވަޕޫލް މޮޅުވި ލަނޑު ކާމިޔާބުކޮށްދިނީ ޖޮއެލް މަޓިޕް އެވެ. މިއީ މިދިޔަ ނުވަ އަހަރުތެރޭ މަޓިޕް ޗެމްޕިއަންސް ލީގުގައި ޖެހި ފުރަތަމަ ގޯލެވެ.

މި ގްރޫޕުގައި ނަޕޯލީ އާއި ލިވަޕޫލް އަދި އަޔަކްސް އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. މި ގްރޫޕުގެ އަނެއް މެޗުގައި މި ހަފްތާ ވާދަކުރާނީ ނަޕޯލީ އާއި ރޭންޖާސް އެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ޓޮޓެންހަމް ހޮޓްސްޕާސް ވަނީ ފަހު ވަގުތު ސްޕޯޓިން ލިސްބަން އަތުން 2-0 އިން ބަލިވެފަ އެވެ. އަމިއްލަ ދަނޑުގައި ސްޕޯޓިންގެ ދެ ލަނޑު ވެސް ޖެހީ އިތުރު ވަގުތުގަ އެވެ. ފުރަތަމަ ލަނޑު ބޮލުން ޕައުލީނިއޯ ޖެހިއިރު އޭގެ އިރުކޮޅެއް ފަހުން އެޓީމުގެ ދެވަނަ ލަނޑު ޖެހީ ބެންޗުން ކުޅެން އެރި އަރްތޫރް ގޮމޭސް އެވެ. ރޭގެ މެޗަކީ މި ސީޒަނުގައި ޓޮޓެންހަމް ބަލިވި ފުރަތަމަ މެޗެވެ.

މި ގްރޫޕުގެ އަނެއް މެޗުގައި އެއިންޓްރަކް ފްރެންކްފަޓް ވަނީ 0-1 އިން މާސޭ ބަލިކޮށްފަ އެވެ. ރޭގެ މެޗުތަކަށް ފަހު ސްޕޯޓިން ވަނީ ހަ ޕޮއިންޓާ އެކު އެއްވަނަ އަށް އަރައިފަ އެވެ. ދެ ވަނައިގައި އޮތް ޓޮޓެންހަމް އާއި ތިންވަނައިގައި އޮތް ފްރެންކްފާޓަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ދެ މެޗުން ވެސް ބަލިވި މާސޭ އޮތީ ފުލުގަ އެވެ.