ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ނޫސްވެރިކަމަށް އަތްގަދަކުރާނެ ޖާގައެއް ނެތް: ރައީސް

Sep 14, 2022
1

ހެއްކާ ބެހޭ ގާނޫނާ ގުޅިގެން ނޫސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް އެ ގާނޫނު އަލުން އިސްލާހުކުރަން ސަރުކާރުން ނިންމައިފި އެވެ.

ސަރުކާރުގެ ފަރާތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިކަން ހާމަކުރީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އިންތިޒާމުކޮށް ބޭއްވި ފުރަތަމަ "މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް 2022" ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް ސޯލިހް ވިދާޅުވީ މިދިޔަ ޖުލައި މަހުގެ ތަސްދީގު ކުރެއްވި ހެއްކާ ބެހޭ ގާނޫނުގެ 136 ވަނަ މާއްދާގެ (ށ) އަށް، ގެނެވުނު އިސްލާހާ މެދު މީޑިއާގެ ކަންބޮޑުވުމެއް އޮތްކަން ފާހަގަކުރެވޭ ކަމަށެވެ.

"އެކަމާ ގުޅޭގޮތުން މީޑިއާގެ ބޭފުޅުންނާ ބައްދަލުކޮށް އަޅުގަނޑު ވާނީ މަޝްވަރާކުރައްވާފައި. އަދި ގާނޫނަށް އިސްލާހު ގެނައުމަށް މިހާރު ވާނީ ނިންމާފައި،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ނޫސްވެރިކަމަށް ގާނޫނީ ހުރަހެއްގެ ގޮތުގައި ކުރިން "އަބުރު ރައްކާތެރިކުރުމުގެ ނަމުގައި" އޮތް ގާނޫނު އުވާލީ މި ސަރުކާރުން ކަމަށާއި އެކަމުގެ ސަބަބުން ނޫސްވެރިންނަށް އޭރު އޮތް ކަނބޮޑުވުމަށް ވެސް ހައްލު ހޯދައިދެވިފައިވާ ކަމަށެވެ.

ރައީސް ސޯލިހް ވަނީ ރާއްޖޭގައި ބްރޯޑްކާސްޓިންގެ މަސައްކަތްތައް ފެށިގެން އައި ގޮތުގެ މައްޗަށާއި ޓީވީއާ ރޭޑިއޯއިން ރާއްޖޭގެ މުޖުތަމައަށް ގެނެސްދިން ރަނގަޅު ބަދަލުތަކުގެ މައްޗަށް ވެސް ވާހަކަދައްކަވާފަ އެވެ. އަދި ވިދާޅުވީ ރާއްޖޭގެ ނޫސްވެރިކަން އަންނަން އޮތް ޖީލުތަކާ ހަމައަށް އަމާނާތްތެރިކަމާއެކު ފޯރުކޮށްދޭންޖެހޭ ކަމަށެވެ. އެގޮތުން ރާއްޖޭގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ފުޅާދާއިރާއެއްގައި އޮތް ނަމަވެސް ނޫސްވެރިން ހިފަހައްޓަން ޖެހޭ އަހްލާގީ މިންގަޑުގެ ތެރޭގައި ޒިންމާދާރުކަމާއެކު ނޫސްވެރިކަން ކުރުމުގައި ކުރިއަށް ދިއުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.

"ކުރަންޖެހޭ ކަންކަން އަދިވެސް އެބަހުރި. މާލީދަތިތައް ހުރިކަން އަޅުގަނޑުވެސް ގަބޫލުކުރަން. އެހެންނަމަވެސް ޗެނަލް ހިންގާ ނިޔަތާ އެއްވަރަށް ކޮންޓެންޓްގެ ކަޅުކަން ބޮޑުވުމުން އެމަންޒަރާ އަޑު އާއިލީ ސިޓިން ރޫމްތަކަކަށް ނުފެތޭ،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ ނޫސްވެރިންނަށް ބޭނުންވާ ހުނަރާއި ގާބިލްކަމާއި ތަމްރީން ލިއްބައިދިނުމަށް ކުރިއަށް ވުރެ ބޮޑަށް، މިހާރު މަސައްކަތް ކުރަންޖެހޭ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ. އެ މަސައްކަތުގައި ސަރުކާރާ އަދި ވަކިން ހާއްސަކޮށް ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލްގެ ދައުރު ބޮޑު ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ސޯލިހް އިތުރަށް ވިދާޅުވީ މީޑިއާ އާއި މައުލޫމާތު ފަތުރާ ފަރާތްތަކަށް ފުރިހަމަ މިނިވަންކަން މިއަދު އެބައޮތް ކަމަށެވެ. އެހެންކަމުން ނޫސްވެރިކަމުގެ މައްޗަށް ސަރުކާރުން އަތްގަދަ ކުރާނެ ޖާގައެއް މިއަދު އޮތް ކަަމަކަށް ރައީސް ގަބޫލުފުޅެއް ނުކުރައްވަ އެވެ.

މިރަސްމިއްޔާތުގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ލިބިވަޑައިގެންނެވި ދެ ބޭފުޅުން ކަމުގައިވާ ސަމަރު-ބުލޫ އިބްރާހީމް މަނިކް އަދި އަލްމަރްހޫމާ ޒާހިދާ އިބްރާހީމުގެ އެވޯޑް ހަވާލުކޮށްދެއްވީ ވެސް ރައީސް ސޯލިހް އެވެ. މި ދެ ބޭފުޅުންނަކީ ޒަމާނާއެކު އޭރު ރާއްޖެއަށް އަންނަމުންދިޔަ ބަދަލުތަކުގެ ތެރޭގައި އެކިއެކި ދާއިރާތަކުން އާންމު ރައްޔިތުން ހޭލުންތެރިކޮށް ކަންކަމަށް އަހުލުވެރިކުރުމުގައި، އެންމެ މުހިއްމު ދައުރެއް އަދާކުރެއްވި ބްރޯޑްކާސްޓް ދާއިރާގެ ހިދުމަތުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވެވަޑައިގެންނެވި ދެ ބޭފުޅުންނެވެ.