އެޗްޑީސީ

ހުޅުމާލެ ސާފުކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި

"ވޯލްޑް ކްލީން އަޕް ޑޭ" އާއި ގުޅިގެން ދުނިޔެ މަގޭ ކެމްޕޭނުގެ ނަމުގައި ހުޅުމާލެ ސާފުކުރުމުގެ ހަރަކާތެއް އެޗްޑީސީން މިއަދު ކުރިއަށް ގެންގޮސްފި އެވެ.

މި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމާއި، ހުޅުމާލެ ދާއިރާގެ މަޖިލިސް މެމްބަރު އަލީ ނިޔާޒާއި، އެޗްޑީސީގެ އިސްވެރިންނާއި މުވައްޒަފުންނާއި އާންމުންނާ ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވި އެވެ.

މި ހަރަކާތުގައި އެކި މުއައްސަސާތަކުންނާއި މިނިސްޓްރީތަކުން އަދި އެސްއޯއީ ތަކުން ޖުމްލަ 2،000 ބައިވެރިން ވަނީ ބައިވެރިވެފަ އެވެ. މި ހަރަކާތަކީ އެޗްޑީސީގެ ދުނިޔެ މަގޭ ކެމްޕޭންގެ ދަށުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

މި ކެމްޕޭނަކީ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅިގެން ދުނިޔޭގެ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާއި ތިމާވެށި ރައްކާތެރިކުރުމަށް ހޭލުންތެރިކުރުމުގެ ގޮތުން މިދިޔަ ޖޫން މަހު ތައާރަފްކޮށްފައިވާ ކެމްޕޭނެކެވެ.

ވޯލްޑް ކްލީންއަޕް ޑޭގެ ދަށުން ހުޅުމާލޭ ސާފުކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން

މި ކޭމްޕޭންގެ ދަށުން ތިމާވެއްޓަށް ގެއްލުންހުރި ކަންކަން ދެނެގަނެ ރައްކާތެރި މާހައުލެއް ގާއިމްކޮށްދިނުމަށް މަސައްކަތް ކުރުމަށް ހަމަޖެހިފައިވެ އެވެ.

އެޗްޑީސީން ބުނީ މިއަހަރު އެކަނި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ޖުމްލަ 1696 ޓަނުގެ ކުނި ނަގާފައިވާ ކަމަށެވެ.

"މިއީ ވަރަށް ބައިވަރު ކުނި، އަޅުގަނޑުގެ އިލްތިމާސް އަކީ ހުޅުމާލޭގައި މިގޮތަށް އުކާލާ ކުނި މަދުކުރަން އެންމެން ގުޅިގެން މަސައްކަތް ކުރުން،" މިއަދުގެ ހަރަކާތް ފައްޓަވައި ދެއްވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފް ވިދާޅުވި އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮންމެ އަހަރަކުވެސް "ވޯލްޑް ކްލީން އަޕް ޑޭ" އާއި ގުޅިގެން ސާފުކުރުމުގެ ހަރަކާތް ކުރިއަށް ގެންދެ އެވެ. އެގޮތުން މިއަދު ބޭއްވި ސާފުކުރުމުގެ ހަރަކާތަކީ "ވޯލްޑް ކްލީން އަޕް ޑޭ" އާއި ގުޅިގެން މާލެ ސަރަހައްދުގައި ކުރިއަށް ގެންދެވޭ އެންމެ ބޮޑު ސާފުކުރުމުގެ ހަރަކާތެވެ.