ޝަންހާއީ ކޯޕަރޭޝަން އޮގަނައިޒޭޝަން (އެސްސީއޯ)

ބާރުގަދަ ޖަމާއަތެއްގެ ޑަޔަލޮގް މެމްބަރެއްގެ ދަރަޖަ ރާއްޖެއަށް

Sep 18, 2022
1

ޝަންހާއީ ކޯޕަރޭޝަން އޮގަނައިޒޭޝަން (އެސްސީއޯ)ގެ ޑަޔަލޮގް މެމްބަރެއްގެ ދަރަޖަ ރާއްޖެއަށް ދީފި އެވެ.

މި ދަރަޖަ ރާއްޖެއަށް ދޭން ނިންމީ އުޒްބެކިސްތާނުގެ ސަމާކަންދުގައި މިއަހަރުގެ ޖުލައިގައި ބޭއްވި އެސްސީއޯގެ މެމްބަރު ގައުމުތަކުގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގަ އެވެ. ނަމަވެސް އެ ނިންމުން ތަންފީޒުކުރަން ރުހުން ދިނީ އުޒްބެކިސްތާނުގައި މިދިޔަ ހުކުރު ދުވަހު ބޭއްވި އެސްސީއޯ ގައުމުތަކުގެ ވެރިންގެ ސަމިޓުގަ އެވެ.

އެސްސީއޯ އަކީ ދުނިޔޭގެ އެންމެ ބާރުގަދަ ގައުުތަކުގެ ތެރޭގައި ހިމެނޭ ޗައިނާ އިންޑިއާ އަދި ރަޝިއާ މުހިއްމު ދައުރެއް އަދާކުރާ އަދި ސަލާމަތާ ގުޅުންހުރި މުހިއްމު މަސައްކަތްތަކެއް ކުރާ ޖަމާއަތެކެވެ.

ރާއްޖޭގެ އިތުރުން އެސްސީއޯގެ ޑަޔަލޮގް މެމްބަރެއްގެ ދަރަޖަ ދީފައިވަނީ ސައުދީ އަރަބިއްޔާ، ގަތަރު، ބަހްރެއިން އަދި މިސްރަށެވެ.

އެސްސީއޯގައި ބައިވެރިވުމަށް ރާއްޖެއިން މަސައްކަތް ކުރާތާ ތިން އަހަރެއް ވަރު ވެއްޖެ އެވެ. އެހެންވެ އެސްސީއޯގެ ޑަޔަލޮގް މެންބަރެއްގެ ދަރަޖަ ލިބުމަކީ އެ ޖަމާއަތުގެ މެންބަރުކަން ހޯދުމަށް ކުރަމުންދާ މަސައްކަތުގައި ލިބުނު ކުރިއެރުމެކެވެ.

ދިވެހި ސަރުކާރުން ގަބޫލުކުރާ ގޮތުގައި އެސްސީއޯގެ މެންބަރުކަން ރާއްޖެއަށް ލިބިއްޖެނަމަ ސަރަހައްދީ އަދި އިގްތިސާދީ މަސައްކަތްތަކުގައި އިސް ދައުރެއް އަދާކުރުމުގެ ފުރުސަތު ރާއްޖެއަށް ލިބޭނެ އެވެ.

އެސްސީއޯގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އޭޝިއާ އާއި ޔޫރަޕްގެ ގައުމުތަކެވެ. މި ޖަމާއަތުގެ ދުނިޔޭގެ އާބާދީގެ 40 އިންސައްތަ މީހުން މިހާރުވެސް ހިއްސާކުރެ އެވެ.