ހަބަރު

އަމީނިއްޔާ އާއި އިސްކަންދަރު ކައިރީ ސޭފް އޭރިއާއެއް ހަދައިފި

މާލޭގެ ގިނަ ދަރިވަރުންތަކެއް ކިޔަވަމުން އަންނަ ދެ ސްކޫލް ކަމަށްވާ އިސްކަންދަރު ސްކޫލާއި އަމީނިއްޔާ ސްކޫލް ކައިރީ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ރައްކާތެރި ސަރަހައްދެއް ގާއިމުކޮށް، އެ ސަރަހައްދު ހުޅުވައިފި އެވެ.

ޗާންދަނީ މަގުން ދެ ސްކޫލްގެ ބޭރު ފާރު ތަޅާލުމަށްފަހު ފާރު އެތެރެއަށް ޖައްސައި، ދަރިވަރުންނަށާއި ބެލެނިވެރިންނަށް ފަސޭހައިން ހިނގާބިނގާވެ އުޅޭ ގޮތަށް ތައްޔާރުކޮށްފައިވާ މި ސަރަހައްދު ރަސްމީކޮށް ހުޅުވައިލީ މިއަދު އެވެ.

މި މަސައްކަތް ކޮށްފައިވަނީ އެމްއާރްޑީސީއިންނެވެ. އެ ސަރަހައްދު ހަދާފައިވަނީ ހިނގާބިނގާވެ އުޅެން ފަސޭހަވާނެހެން ދެ ސްކޫލް ހުންނަ ޗާނދަނީ މަގުގައި އެ ދެ ސްކޫލް ހުންނަ ފަރާތުގެ ދުވާރު ފުޅާކޮށް ދުވާރާއި މަގާ ގުޅޭ ހިސާބުގައި ދަނގަނޑު ހޮޅީގެ ޗެންޗޭނެއް ޖެހައިގެންނެވެ. މިފަދަ ސަރަހައްދެއް ޖަމާލުއްދީން ސްކޫލް ކައިރީ މީގެކުރިން ގާއިމުކުރި އެވެ.

ބައެއް ބެލެނިވެރިން ބުނި ގޮތުގައި އެގޮތަށް ސޭފް އޭރިއާއެއް ހެދުމުން މިހާރު ވަރަށް ފަސޭހަ އެވެ. އަދި ކުރިން އޮންނަ ބިރުވެރިކަން މިހާރު ނެތެވެ.

"މިއީ ވަރަށް ކާރުބާރު ބޮޑު މަގެއް، މިފަދަ މަގެއްގައި އެތައް ބައިވަރު ދަރިވަރުންތަކެއް އެއް ގަޑިއެއްގައި ސްކޫލުން ނުކުންނައިރު ޓްރެފިކް ވަރަށް ބާރުބޮޑުވޭ، ދެން ހިނގާނެ ތަންކޮޅެއް ވެސް ނޯވޭ، މަޑުކޮށްލައިގެން ވެސް ނުހުރެވޭ، ނަމަވެސް މިހާރު މި ހުރިހާ ކަމަށް ހައްލު ލިބިގެންދާނެ،" އިސްކަންދަރު ސްކޫލްގެ ދަރިވަރެއްގެ ބެލެނިވެރިޔަކު ބުންޏެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށުނުއިރު އަތޮޅުތަކުންނާއި ރާއްޖެއިން ބޭރުން، މާލޭގެ ސްކޫލްތަކަށް 1000 އަށްވުރެ ގިނަ ދަރިވަރުން ވަނީ ބަދަލުވެފައެވެ.