ހަބަރު

އެއްގަމު އުޅަނދުތަކުގެ ނަންބަރު ބޯޑު ގަވާއިދާ އެއްގޮތަށް ބޭނުންކުރަން އަންގައިފި

އެއްގަމު އުޅަނދުތަކުގެ ނަންބަރު ބޯޑު، ގަވާއިދާ އެއްގޮތަށް ބޭނުންކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އެދިއްޖެ އެވެ.

މިގޮތަށް އެދިފައިވަނީ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވައިދު"ގައި އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގައި ނަންބަރު ބޯޑު ހުންނަންވީ ގޮތް ބުނެދީފައިވީ ނަމަވެސް އެގޮތަށް ބައެއް ފަރާތްތަކުން އަމަލުކުރަމުން ނުދާތީ ހަނދާންކޮށްދިނުމުގެ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން ކޮށްފައިވާ އިއުލާނެެއްގަ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަމަދް އަބްދުލް ޣަނީ އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެއްގަމުގައި ދުއްވާ އުޅަނދު ފަހަރުގެ ނަންބަރު ބޯޑާއި ބެހޭ ގަވާއިދަށް އަމަލުކުރަން ހަނދާންކޮށްދީ އަލުން އިއުލާނެއް ނެރެން ޖެހުނީ ގަވައިދާ ހިލާފަށް ހުންނަ ނަންބޯޑުތައް ސީސީޓީވީ ކެމެރާތަކަށް އަރާއިރު ނަންބަރު ދެނެގަތުމުގައި ދަތިތަކެއް ހުންނާތީ ފުލުހުންގެ އެދުމުގެ މަތިން ކަމަށެވެ.

އެއްގަމުގައި ދުއްވާ އުޅަނުތަކުގެ ނަންބަރު ބޯޑާއި އަކުރުތައް ހުންނަންވާ ގޮތުގެ ކުރެހުމެއް ގަވައިދުގައި ހިމަނާފައިވެ އެވެ. ގަވައިދުގައިވާ ގޮތުން ނަންބަރު ބޯޑުގެ އަކުރުތައް ހުންނަންޖެހެނީ "އޭރިއަލް ބޯލްޑް" ފޮންޓުންނެވެ. އަދި ނަންބަރު ބޯޑުގެ އަކުރުތަކުގެ ސައިޒު ހުންނަން ޖެހެނީ ގަވައިދުގައި ހިމަނާފައިވާ ސާމްޕަލާ އެއްގޮތަށެވެ.

މި ގަވާއިދުގައިވާ ގޮތުން ވިޔަފާރި އުސޫލުން ބޭނުންކުރާ އުޅަނދުތަކުގެ ނަންބަރު ބޯޑުތައް ހުންނަންވާނީ ރީނދޫ ކުލައިގެ ބޯޑެއްގައި ކަޅުކުލައިގެ އަކުރުންނެވެ. އަދި ކޮންސިއުލާ މިޝަންތަކުގައި ބޭނުންކުރާ އުޅަނދުތަކުގެ ނަންބަރު ބޯޑު ހުންނަންވާނީ ނޫ ކުލައިގެ ބޯޑެއްގައި ހުދު ކުލައިގެ އަކުރުން ލިޔެފަ އެވެ. މި ނޫން އެހެން އުޅަނދުތަކުގެ ނަންބަރު ބޯޑު ހުންނަން ވާނީ ކަޅު ކުލައިގެ ބޯޑެއްގައި ހުދު ކުލައިގެ އަކުރުން ލިޔެފަ އެވެ.

ދިއްލޭ ނަންބަރު ބޯޑު ބޭނުންކުރުމާއި ނަންބަރު ބޯޑު ހަރުކުރުމަށް ޖަހާފައި ހުންނަ އިސްކުރު އެއް ސެންޓިމީޓަރަށްވުރެ ދިގުކޮށް ބޯޑުގެ ބޭރަށް ނިކުމެފައި ހުރުމަކީ މަނާ ކަމެކެވެ. އަދި ނަންބަރު ބޯޑުގައި ހުންނަ އަކުރުތައް ވަކިން ކަނޑާނަގައިގެން ބޭނުންކުރުމާއި، އަކުރުތައް އެއް މިލިމީޓަރަށްވުރެ އުސްކޮށް އުފުލިފައި ހުންނަގޮތަށް ހަދައިގެން ބޭނުންކުރުމަކީވެސް މަނާ ކަމެކެވެ. ހަމައެހެންމެ އެއްގަމުގައި ދުއްވާ އުޅަނދުފަހަރުގެ ނަންބަރު ބޯޑު ކަރުދާހުން ހަދައިގެން ބޭނުންކުރުމަކީވެސް މި ގަވާއިދުގެ ދަށުން މަނާ ކަމެކެވެ.