މޯލްޑިވްސް ޕޮލިސް ސާވިސް

ކޯރާޑިން ހަމަލާ ދިން މީހާ ޝަރީއަތް ނިމެންދެން ބަންދު

Sep 21, 2022

މާލޭގައި މީހެއްގެ ބޮލުގައި ކޯރާޑިއަކުން ޖަހައި ވަރަށް ބޮޑަށް ޒަހަމްކޮށްލި މައްސަލައިގައި މީހަކު ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފި އެވެ.

މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ ހިނގި މި މާރާމާރީއާ ގުޅިގެން ތުހުމަތުކުރެވޭ މީހާ ހައްޔަރުކުރީ އިއްޔެގެ ވަގުތެއްގަ އެވެ.

ފުލުހުން މިއަދު ބުނީ ހައްޔަރުކުރީ އުމުރުން 28 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކަމަށެވެ.

މިމީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.'

މި މާރާމާރީ ހިންގާފައިވަނީ މާފަންނު ސަހަރާ ކުރިމަތީގައި ހުންނަ ސްޓީލް ހާޑްވެއާގެ އިމާރާތަށް ބިދޭސީ މީހާ ވައްކަން ކުރަން ވަނުމުން ކަމަށް އެނގިފައިވެ އެވެ.

މާރާމާރީގައި ޒަހަމުވެފައިވަނީ ވެސް ބިދޭސީ ފިރިހެނެކެވެ.

ބިދޭސީ މީހާއަށް ހަމަލާ ދިން ތަނުން، ހަމަލާ ދިނުމަށް ބޭނުންކުރި ކޯރާޑި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.

އަނިޔާވި މީހާއަށް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފަ އެވެ.