ކްރިމިނަލް ކޯޓް

އެއްޖިންސުން ގުޅުން ހިންގި ފުލުސް މީހާ ޖަލަށްލުމަށް ހުކުމްކޮށްފި

Sep 22, 2022
2

ބަންގްލަދޭޝްއަށް ނިސްބަތްވާ ފިރިހެނެއް ކަމަށްވާ އެމްޑީ އަލަމްގީރްއާ އެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް އިއުތިރާފްވި ފުލުސް މީހާ -- އަބްދުއްރަހްމާން ރަފީއު އެއް އަހަރާއި ދެމަހަށް ޖަލަށްލުމަށް ހުކުމްކޮށްފި އެވެ.

އަބްދުއްރަހްމާނަކީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓް (ޑީއީޑީ) ގައި މަސައްކަތްކުރަމުން ދިޔަ ފުލުހެކެވެ. އަބްދުއްރަހްމާން އެއް އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށްލުމަށް ކޯޓުން މިއަދު ހުކުމް ކުރި ނަމަވެސް މައްސަލައިގެ ތަހުގީގަށް އޭނާ ބަންދުގައި ހުރުމާ ގުޅިގެން ހުކުމުން ތަންފީޒުކުރަން ޖެހޭނީ އެއް އަހަރާއި އެއް މަހާއި 28 ދުވަހެވެ.

އަލަމްގީރްއާ އެކު އެއްޖިންސުން ގުޅުން ހިންގި މީހުންގެ ޝަރީއަތްތައް ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ.

އަބްދުއްރަހްމާންގެ މައްޗަށް ދައުލަތުން އުފުލި ދައުވާ މިމަހުގެ 18 ވަނަ ދުވަހު އިއްވުމާ އެކު އޭނާ ދައުވާއަށް އެއްބަސްވެފައިވެ އެވެ. އެހެންވެ މިއަދު އޭނާ އަށް ހުކުމް ކުރީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގަ އެވެ.

ދައުލަތުން އަބްދުއްރަހްމާންގެ މައްޗަށް އުފުލީ އެއްޖިންސުން ގުޅުން ހިންގުމުގެ ކުށުގެ ދައުވާ އެވެ.

އަލަމްގީރްގެ މައްޗަށް ހަތް މަހުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު އޭނާއާ އެކު ގުޅުން ހިންގި ގާނޫނީ ވަކީލް ނާޒިމް ސައްތާރު ތިން މަހާއި 26 ދުވަހަށް ގޭބަންދު ކުރުމަށް ކޯޓުން ކުރިން ނިންމާފައިވެ އެވެ.