ކްރިމިނަލް ކޯޓް

އޮރިޔާން ކާޑު ހެދުމުގެ 40 ދައުވާއަށް ވެސް އަލަމްގީރް އިއުތިރާފްވެއްޖެ

Sep 24, 2022

އެތައް ބަޔަކާ އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ޖަލުގައި ހުކުމު ތަންފީޒުކުރަމުންދާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރްގެ މައްޗަށް ދައުލަތުން އުފުލި އިތުރު 40 ދައުވާ އަކަށް އޭނާ އިއުތިރާފްވެއްޖެ އެވެ.

ދައުލަތުން މިމަހުގެ 18 ވަނަ ދުވަހު އަލަމްގީރްގެ މައްޗަށް އުފުލި 40 ދައުވާ އަކީ ވެސް އޮރިޔާން ކާޑު ހެދުމުގެ ކުށުގެ ދައުވާ އެެވެ.

މިދައުވާތަކުގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓުގައި ސިއްރުކޮށްގެން ފެށުމާ އެކު އޭނާ ވަނީ 40 ދައުވާއަށް ވެސް އިއުތިރާފްވެފަ އެވެ.

ދައުވާތަކަށް އަލަމްގީރް އިއުތިރާފްވުމާ ގުޅިގެން ގާޒީ ވަނީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި މައްސަލަ ނިންމާލާފަ އެވެ. އެހެންކަމުން ދެން އޮންނާނީ ހުކުމް ކުރުމެވެ. އެކަމަކު ހުކުމް ކުރާނެ ވަކި ދުވަހެއް އަދި އެނގިފައެއް ނުވެ އެވެ.

އަލަމްގީރް މިހާރު ވެސް ގެންދަނީ ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ. މިއީ އޭނާގެ މައްޗަށް ދައުލަތުން އުފުލި އެއްޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ތިން ދައުވާއަށް އިއުތިރާފްވެ ތަންފީޒުކުރަމުންދާ ހުކުމެކެވެ.

މިތިން ދައުވާއާ ގުޅިގެން އޭނާ ޖަލަށްލުމަށް ހުކުމް ކުރީ މިދިޔަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު އެވެ.

އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި މިހާތަނަށް ދައުވާ އުފުލާފައިވަނީ އަލަމްގީރުގެ އިތުރުން ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރާއި، ނޮޅިވަރަމް ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުހައްމަދު ނަޝީދާއި އަދި ފުލުސް އޮފިސަރު އަބްދުއްރަހުމާން ރަފީއު އެވެ. ނާޒިމް އާއި ރަފީއު ކުށަށް އިއުތިރާފްވެފައިވާތީ ނާޒިމް ގެންދަނީ ތިން މަހާއި 26 ދުވަހުގެ ގޭބަންދު ހުކުމެެއް ތަންފީޒުކުރަމުންނެވެ. ރަފީއުއަށް އިއްވާފައިވަނީ އެއް އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.